ހިންމަފުށި-
ހިންމަފުށި-
ކ. ހިންމަފުށީގައި އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް 4 ގޯއްޗެއް ވިއްކުމަށް އެ ރަށު ކައުންސިލުން ތިންވަނަ ފަހަރަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ހިންމަފުށީ ކައުންސިލުން ބުނީ، ވިއްކުމަށް ހަމަޖެހިފައިވަނީ 2،770 އަކަފޫޓުގެ 4 ގޯތި ކަމަށެވެ. މި ގޯތިތައް ވިއްކުމަށް ފެށޭ އަގަކީ އަކަފޫޓަކަށް 1،500 (ފަނަރަސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ބިން ގަންނަން ހުށަހަޅާ އަގު އެއްފަހަރާ ދެއްކުމުގެ ބަދަލުގައި، ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތުވެސް މި ފަހަރު ވަނީ ހަމަޖައްސައިދީފައެވެ.

މި ބިންތައް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 18 އޮކްޓޫބަރު 2026 އިން ފެށިގެން 27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، ކައުންސިލުން ކަނޑައަޅާފައިވާ ލިންކު މެދުވެރިކޮށް ނުވަތަ ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ކައުންސިލުން ހާމަކުރި ގޮތުގައި ބިޑް ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެހެން ފަރާތެއްގެ ބަދަލުގައި ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ބިން ގަތުމަށް އެދޭ ބިޑު ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 10،000 (ދިހަހާސް) ރުފިޔާއަށެވެ. ފޯމު ވިއްކުން ކުރިއަށްދާނީ 18 އޮކްޓޫބަރުން ފެށިގެން 27 އޮކްޓޫބަރުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ. އަދި ފޯމު ގަތުމަށް ދައްކާ ފައިސާ އަނބުރާ ނުލިބޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި ހިންމަފުށީ ކައުންސިލްގެ އިދާރާގައެވެ. ބިޑު ހުށަހެޅުން އޮންނާނީ 08 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައިނުގަންނާނެ ކަމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

މި ބިންތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި ހިންމަފުށީ ކައުންސިލްގެ ފޯނު ނަންބަރު 6642024 އަށް ގުޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް