މިނިސްޓަރ އިހުސާން އޭޑީކޭގައި
މިނިސްޓަރ އިހުސާން އޭޑީކޭގައި
ސިނަމާލެ ބްރިޖުގެ ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަން ހުއްޓާ ސައިކަލަކުން ޖެހި، ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ އޮފިސަރަށާއި އޭނާގެ ޢާއިލާއަށް ހިތްވަރު ދެއްވައިފިއެވެ.

މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އިޙްސާން ވަނީ، ޤައުމީ ޚިދުމަތުގައި އެ އޮފިސަރު ދެއްކެވި ސާބިތުކަމާއި ހިތްވަރު ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުން ވަމުންދާ މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ ޢާއިލާއަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 17 ވީ ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި އެ އޮފިސަރު ޙަރަކާތްތެރިވަމުން ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ބެރިކޭޑުގައި ޖެހި، ގޮސް ވަނީ އޭނާގެ ގައިގައި ޖެހިފައެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި މިއީ ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމުގެ މަޤްޞަދުގައި ގަސްތުގައި ދީފައިވާ ނުރައްކާތެރި ޙަމަލާއެކެވެ.



ކިޔުންތެރިންގެ ހިޔާލު