ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ދެމުންގެންދާ ބޭންކިންގ ޚިދުމަތްތައް އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމަށާއި، ކަސްޓަމަރުންގެ އެކައުންޓުތައް ހަރުދަނާ އުސޫލަކުން ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އަޅަން ނިންމި ފިޔަވަޅެކެވެ. އެހެންކަމުން، އެއްވެސް ދަތިކަމެއް ނެތި ބޭންކިންގ ޚިދުމަތްތައް މެދުނުކެނޑި ލިބިގަތުމަށްޓަކައި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފައިސާ ދައްކައި ނިންމުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކެނޑޭ ފަރާތްތަކުން، އެ މަހަކަށް ދައްކަންޖެހޭ އަދަދު ދައްކައި ޚަލާސްކުރާތާ 24 ގަޑިއިރުގެ ތެރޭގައި އަލުން ޚިދުމަތް އިއާދަކޮށްދެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ. އަދި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވެފައިވާ (އޯވާޑިއު) ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށާއި، ޚިދުމަތް މެދުކެނޑިދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މެސެޖު މެދުވެރިކޮށް ހަނދާންކޮށްދެމުން ގެންދާނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ.

އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެކި ދާއިރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެސްއެމްއީ ޑިޖިޓަލްއަކީ، ޚާއްސަކޮށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެނުން ބާރުވެރިކުރުވުމަށް އިސްކަންދީގެން ފެސިލިޓީތައް ފަހިކޮށްދެމުން އަންނަ ބޭންކެކެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލްގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވުމަށް އެ ބޭންކުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް