ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ އަމާން ދޯދި ޓަވަރުތައް  |  ފޮޓޯ: އެފްޑީސީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ އަމާން ދޯދި ޓަވަރުތައް | ފޮޓޯ: އެފްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން، އެއްގޮތަކަށް ވެސް ކުލި ނުދައްކައިގެން ހުސްކުރަން އެންގި ދެ އެޕާޓްމަންޓުން މިހާރު ފައިސާ ދައްކަން ފަށައިފި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ތަން ހުސްކުރުމުގެ އެންގުން ރައްދުކުރި ދެ އެޕާޓްމަންޓަކީ ތަޅުދަނޑި ހަވާލުކުރި ފަހުން މިއަދާ ހަމައަށް ވެސް އެއްވެސް ވަރަކަށް ކުލި ދައްކާފައިނުވާ ދެ ތަން ކަމަށެވެ. ނަމަވެސް، އެއްބަސްވުން ބާތިލުކޮށް ތަން ދޫކޮށްލަން އެންގުމާއެކު، އެ ފަރާތްތަކުން މިހާރު ވަނީ ނުދައްކައި ހުރި ކުލި ދައްކަން ފަށާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމްދާން އިތުރަށް ވިދާޅުވީ، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ އެހެން ފަރާތްތަކުން ވެސް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުންފުންޏާ ގުޅައި، މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި އެފްޑީސީން މީގެ ހަތަރު ދުވަސް ކުރިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެޕާޓްމަންޓްތައް ހުސްކުރަން އެންގީ 4،000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، ފައިސާ ދެއްކުމަށް 135 ދުވަހުގެ ދިގު މުއްދަތެއް ދީ، ޕޯޓަލް އަދި އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ދެ ފަހަރެއްގެ މަތިން ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ.

އެހެންނަމަވެސް، ދިން އެކަށީގެންވާ މުއްދަތުގައި ފައިސާ ނުދެއްކުމުން، އެއްބަސްވުން އުވާލައި 15 ދުވަސް ތެރޭގައި ތަން ހުސްކުރުމަށާއި، ޕޯޓަލް އެކައުންޓްގެ އެކްސެސް ވެސް އެ ކުންފުނިން ކަނޑާލީއެވެ. އެފްޑީސީން ބުނީ މިއީ އުސޫލުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމަށާއި، އިމާރާތްތަކާއި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި އެފްޑީސީން ކުރިއަށްގެންދާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" މަޝްރޫޢުގެ ދަށުން 32 ޓަވަރުގައި 4،000 ފްލެޓް ތަރައްގީކޮށްފައިވާއިރު، މާލެ ސަރަހައްދުގައި ސޯޝަލް ހައުސިން ފްލެޓްތަކަށް ގަވާއިދުން ކުލި ނުދެއްކުމަކީ ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ކުއްޔާއި މެއިންޓެނަންސް ފީ މަހުން މަހަށް ދެއްކުމަށް އެ ކުންފުނިން އަބަދުވެސް އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު