ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ޚިލާފުވުމުގެ ސަބަބުން، އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖަށް ދޫކޮށްފައިވާ ބޭރުފައިސާ މާރުކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.

މަރުކަޒީ ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ލައިސަންސް ހިފެހެއްޓުމާއެކު ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން އެމްއެސް ފައިނޭންސް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

މިއީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހާއްސަ ޓާސްކްފޯހެއް އުފައްދައި، މަސައްކަތްތަކެއް ފެށި ފަހުން ލައިސަންސް ބާތިލުކުރި ދެ ވަނަ މަނީ އެކްސްޗޭންޖެވެ. މީގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެމްއެމްއޭ އިން ވަނީ އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ވެސް ބާތިލުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރެވުނު ހިޔާނާތުގެ މައްސަލަތަކުގައި މަނީ ލޯންޑާކުރަން ބޭނުންކުރި ވިޔަފާރިއެއް ކަމަށް ތުހުމަތު ކުރެވުނު ތަނެކެވެ. އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އެފްއޭއެމްގެ ޓްރެއިނިން ގްރައުންޑެއް ހަދަން ހުޅުމާލޭން ދިން ބިން ކުއްޔަށް ދީގެން ލިބުނު 52 މިލިއަން ރުފިޔާގެ ތެރެއިން 14 މިލިއަން ރުފިޔާގެ ތެރެއިން 8.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ އެމްއެސް ފައިނޭންސްގެ އެކައުންޓުތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ މައުލޫމާތަށް ބަލާއިރު، އެމްއެސް ފައިނޭންސްގެ ހިއްސާދާރުންނަކީ މަޝްހޫރު މަނިކު ސޭޓާއި ނުޝްރަތު ޔޫސުފެވެ.

އެމްއެމްއޭއިން މިފިޔަވަޅު އަޅާފައިވާއިރު، ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރު ކުރުމަކީ ފަސް މިލިއަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ކޮށްފައެވެ. އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ކަނއަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.

އަދި އެ ކުށެއް ކުރުމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާ ނަމަ، އެ ފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް އިސްލާޙުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު