އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް
ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ބޭސްފަރުވާއަށް މަހަކު ހޭދަކުރަނީ އެންމެ 2،000 ރުފިޔާ ކަމަށާއި، އެއީ ދައުލަތަށް އޮތް ބޮޑު ބުރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުން އަންނަ ހެލްތު އިންޝުއަރެންސް ޕެކޭޖާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކަށް މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުންނެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްދޭ ހެލްތު އިންޝުއަރެންސާއި މުސާރަ ނުލިބުނަސް އުޅެވިދާނެ ކަމަށެވެ. އަދި މިހާރު މެންބަރުންގެ ސިއްހީ އިންޝުއަރެންސާ ގުޅޭގޮތުން ދައްކަމުންދަނީ ހަގީގަތް އޮޅޭ ފަދަ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރުން މެންބަރެއްގެ ބޭސްފަރުވާއަށް މަހަކު ހޭދަކުރަނީ އެންމެ 2،000 ރުފިޔާ ނުވަތަ އަހަރަކަށް ބަލާނަމަ 24،000 ރުފިޔާކަން ހާމަކުރައްވައި، މިއީ ދައުލަތަށް އެއްވެސް ބުރައެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ސަލީމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ފަރުވާގެ ހަރަދު ލިބެނީ އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް ކަމަށާއި، މެންބަރުން އާސަންދައިގެ ނިޒާމުގެ ތެރެއަށް ވަދެއްޖެނަމަ ދައުލަތުން ކުރަންޖެހޭ ހޭދަ މިހާރަށްވުރެ މާ ބޮޑުވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ފަދަ އިސް މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިފައިވަނީ ހަމަޖެހިފައިވާ ހާއްސަ އުސޫލުތަކަކާއި އޮނިގަނޑެއްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އާންމު ރައްޔިތުންނަށް ނުލިބޭ މުސާރައާއި އިނާޔަތްތައް ދައުލަތުގެ ވަޒީފާތަކާއި މަގާމުތަކުގައި ތިބޭ ފަރާތްތަކަށް ދިނުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށް ދެކި، އެ ތަކެތި އުނިކުރަން ވަކާލާތު ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް އޮންނަ އިންޝުއަރެންސާ މެދު ސުވާލު އުފައްދާނަމަ، ހުރިހާ ރައްޔިތުންނާއި މަޖިލިސް މެންބަރުން އެއް އިންޝުއަރެންސް ޕެކޭޖެއްގެ ދަށަށް ބަދަލުކުރުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި މިހާރު މެންބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ދައްކައިގެން މިފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، މަޖިލީހުގެ މެންބަރުންގެ އަގުވައްޓާލުމުގެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު