ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓު، ފޮޓޯ: ވަންއޮންލައިން
ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓު، ފޮޓޯ: ވަންއޮންލައިން
ފައިސާ ނުދިން މައްސަލައެއްގައި އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެއަށް މަރުގެ އިންޒާރުދީ ބިރުދެއްކި ކަމުގެ ކުށް ސާބިތުވެ، ހދ. ކުޅުދުއްފުށީ މީހަކު ޖަލަށް ލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގައެވެ.

ދަޢުވާގެ ޚުލާޞާ ބަޔާނުގައި ވާގޮތުން މި ހާދިސާ ހިނގާފައިވަނީ 27 ޖުލައި 2026 ވީ ދުވަހުގެ މެންދުރުފަހު 14:20 އެހައިކަންހާއިރުއެވެ. އެގޮތުން، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ވަޒީފާ އަދާކުރަމުންދިޔަ ހދ. ކުޅުދުއްފުށީގައި ހުންނަ ދިރާގު އޮޕަރޭޝަން ސެންޓަރަށް ގޮސް، ބޭބެގެ އަތުން ފައިސާ ހޯދަން އެދުމުން އަތުގައި ފައިސާ ނެތްކަމަށް ބުނުމުން އޭނާ ވަނީ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައެވެ. އެވަގުތު އޭނާ ރުޅިގަދަވެ "ފައިސާ ހުންނާނެ ކަމަށާއި ތިޔަ އުޅެނީ ފައިސާ ނުދޭން" ކަމަށް ބުނެ އަޑުގަދަކޮށް، ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށް ދައުވާގައިވެއެވެ.

މީގެއިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުންވެސް، ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. އަދި ބޭބެއާއި ދިރާގުގެ އެހެން މުވައްޒަފަކު ތިބި ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ޝަރީޢަތުގެ އިބްތިދާއީ މަރުޙަލާގައާއި އަވަސްނިޔާގެ އަޑުއެހުމުގައި އޭނާ ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާތީ އަދަބުގެ މިންގަނޑު އެއް ދަރަޖަ މަތިކުރަން ޖެހުނު ނަމަވެސް، ޝަރީޢަތުގައި ކުށަށް އިޢުތިރާފުވެފައިވުމާއި އަދި އަނިޔާ ލިބުނު ފަރާތް ކަމަށްވާ އޭނާގެ ބޭބެ މި މައްސަލަ ދޫކޮށްލުމަށް އެދި ލުއި ދިނުމަށް އެދިފައިވާތީ، ފަނޑިޔާރުގެ އިޚްތިޔާރުގެ ދަށުން އަދަބު ވަނީ ދެދަރަޖަ ދަށްކޮށްފައެވެ. އެހެންކަމުން އޭނާއަށް ކަނޑައެޅުނު އަދަބަކީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް، މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 16 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމަށްފަހު، ކޯޓުން ހުކުމްކޮށްފައިވަނީ އިބްރާހީމް ޙަސަން 3 މަހާއި 2 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު