ފޮޓޯ: ޒަކާތު ހައުސް
ފޮޓޯ: ޒަކާތު ހައުސް
މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" ގެ ސިލްވަރ ސްޕޮންސަރަކަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއާއި ޕެންޝަން އޮފީހާ ދެމެދުގައެވެ. އެންމެ ފުރަތަމަ ބޭއްވި "އިންޒެކް 2024" ގައިވެސް ޕެނަލިސްޓެއްގެ ގޮތުގައި ޕެންޝަން އޮފީހުން ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ ކޮންފަރެންސަށް އެ އޮފީހުން ދޭ އެއްބާރުލުމާއި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ބަދަހި ގުޅުން ފާހަގަކޮށް، ޒަކާތު ހައުސްއިން ވަނީ ޕެންޝަން އޮފީހަށް ޝުކުރު އަދާކޮށްފައެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި، ޕެންޝަން އޮފީހުގެ މި ބައިވެރިވުމަކީ މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ޤައުމީ ފެންވަރުގައި ޢިލްމާއި މަޢުލޫމާތު ޙިއްޞާކުރުމަށް މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެކެވެ. މީގެއިތުރުން، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް، ޕެންޝަން އޮފީސް ފަދަ އިދާރާތަކުގެ ދެމެހެއްޓެނިވި އެހީތެރިކަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

އިންޒެކް 2026 ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މި މަހުގެ 28 ވާ ބުދަ ދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކުގެ އިތުރުން މާލީ ދާއިރާގެ ފަންނީ މާހިރުން އެއްތަންވާ މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ، މިޒަމާނުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މި ދާއިރާއިން ފަހިވެފައިވާ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޙައްލުތައް ހޯދުމެވެ.

ޒަކާތު ހައުސްއިން އުންމީދު ކުރަނީ މި ފުރުޞަތުގެ ސަބަބުން ޕެންޝަން އޮފީހާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ދެ ފަރާތަށްވެސް ފައިދާހުރި އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް