ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (މ)
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (މ)
ރައްޔިތުންގެ މަޖިލީހުން އެއްވެސް މަސައްކަތެއް ނުކުރެވޭއިރު އަދި ސަރުކާރަށް ވެސް އެއްވެސް ނަތީޖާއެއް ނެރެދެވިފައި ނުވަނިކޮށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މީސްމީޑިއާގައި ޙީއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތެއް ނެތް ކަމަށާއި މި ސަރުކާރަށް ނެރެވުނު ނަތީޖާއެއްވެސް ނެތް ކަމަށެވެ. އަދި އިއްޔެ މަޖިލީހުން އެ ނިންމީ ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަށް ކަމަށާއި، މިއަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް. ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި މިއީތޯ ނުކުރެވި އޮތް ކަމަކީ؟" ކަންބޮޑުވުން ފާޅުކުރަށްވަމުން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމާފައިވަނީ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށެވެ. މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73،125 ރުފިޔާއެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 91،000 ރުފިޔާ ލިބޭކަމަށް މަޖިލީހުގެ އިދާރާއިން ކޮމެޓީގައި ބުނެފައިވެއެވެ. އެހެންކަމުން، މަޖިލީހުގެ ރައީސްގެ މުސާރަ ކުޑަކަމަށް ބުނެ، 22،000 ރުފިޔާގެ އެލަވަންސެއް ހިމަނައިގެން މަޖިލީހުގެ ރައީސްގެ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައި ފާސްކޮށްފައެވެ.

މަޖިލީހުގެ އާންމު މެންބަރުންނަށް މުސާރައާއި އެލަވަންސް އެއްކޮށްލުމުން މިހާރު ލިބެނީ 82،500 ރުފިޔާއެވެ. މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބެނީ 50 އާއި 75 އިންސައްތައާ ދެމެދުގެ ބައްދަލުވުންތަކަށް ހާޒިރުވުމުން 10،000 ރުފިޔާއެވެ. އަދި ހާޒިރީ 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާ ލިބެއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ވަޒީރުންގެ މުސާރަ އާއި އެލަވަންސްތައް ބޮޑުކުރުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން ވަޒީރަކަށް މަހަކު ޖުމްލަ 75،500 ރުފިޔާ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ވަޒީރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 58،500 ރުފިޔާއެވެ. އަދި ކާރު އެލަވަންސްގެ ގޮތުގައި ލިބެމުން އައީ 7،500 ރުފިޔާއެވެ. އެއީ ޕެޓްރޯލަށް 1،000 ރުފިޔާއާއި ޑްރައިވަރު އެލަވަންސްގެ ގޮތުގައި ދޭ 6،500 ރުފިޔާއެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއެކު ވަޒީރުންގެ ކާރު އެލަވަންސް ވަނީ މަހަކު 17،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެޓްރޯލަށް 2،000 ރުފިޔާ، ޑްރައިވަރު އެލަވަންސަށް 12،000 ރުފިޔާ އަދި ޑްރައިވަރުގެ ލިވިން އެލަވަންސަށް ދޭ 3،000 ރުފިޔާއެވެ.

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ރައްޔިތުން ދިރިއުޅުމުގެ ބުރަ އުފުލަމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ވެރިންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހަށް ދަނީ އަމާޒުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް