އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުން
އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުން
އަޕަރ ސައުތު ޕޮލިސް ރީޖަންގެ ބެލެނިކަމުގެ ދަށުގައިވާ ރަށެއްގައި، 22 އަހަރުގެ އަންހެނަކާއި، ދެ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ނުވަ ދިވެހި ފިރިހެނުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އާންމުކޮށްފިއެވެ.

މި މައްސަލައަކީ މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސީރިއަސް މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މުޙައްމަދު މައިސަން ޝިޔާޒު، 24 އަހަރުގެ އަޙްމަދު އިފްތިޝާމް ޒަރީރު، 35 އަހަރުގެ ނަޖުމުﷲ ޙަސަން، 24 އަހަރުގެ ޢާޒިމް މުފީދު، 31 އަހަރުގެ ޢަލީ ޙުޒާމް ސަޢީދު، 26 އަހަރުގެ މުޙައްމަދު ޞާލިޙު އަޙްމަދު، 20 އަހަރުގެ އަޙްމަދު ނޫޙު ނިޔާޒު، 20 އަހަރުގެ މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު އަދި 32 އަހަރުގެ އަޙްމަދު ޞާނިޖު ޞާދިޤު އެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.

މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މުއްދަތުތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. އެގޮތުން މުޙައްމަދު ޞާލިޙު އަޙްމަދު، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، މުޙައްމަދު މައިސަން ޝިޔާޒު ވަނީ ދިހަ ދުވަހަށް ބަންދުކޮށްފައެވެ. މީގެއިތުރުން ޢާޒިމް މުފީދު 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު 30 ދުވަހަށް އަދި އަޙްމަދު އިފްތިޝާމް ޒަރީރުގެ އިތުރުން ޢަލީ ޙުޒާމް ސަޢީދު ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. ގްރޫޕަކުން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެކެވެ. ތަހުގީގަށް ޚާއްސަ ޓީމެއް މާލެއިން އެ ރަށަށް ފޮނުވައިގެން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް