އަތުލައިގަތް ރަން-
އަތުލައިގަތް ރަން-
ރާއްޖޭން ބަންގްލަދޭޝްއަށް ދަތުރުކުރި ބަންގްލަދޭޝްގެ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ފަސް މިލިއަން ދިވެހި ރުފިޔާގެ ރަން، ބަންގްލަދޭޝްގެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ބަންގްލަދޭޝްގެ ނިއު އޭޖް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރަންތައް އަތުލައިގަނެފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނެއްގައި މި ރަންތައް އަތުލައިގަތީ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓުންނެވެ.

އަތުލައިގަތް ރަނުގެ ބަރުދަނުގައި 2.73 ކިލޯ ހުރި ކަމަށާއި، އޭގެ މަގުމަތީ އަގަކީ 4 ކްރޯޑް ޓާކާކަމަށް ބަންގްލަދޭޝް ކަސްޓަމްސްއާއި ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

މި ދެމީހުންނަކީ ޔޫއެސް-ބަންގްލާ އެއާލައިންގެ ފްލައިޓަކުން، އެދުވަހުގެ ހަވީރު 6:15 ގައި ޑާކާއަށް ދަތުރުކުރި ދެ ފަސިންޖަރުންނެވެ. ކަސްޓަމްސްއިން ބުނީ އަތުލައިގަތް މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ހަށިގަނޑުން ރަނުގެ ތިން ގަނޑު (ޖުމްލަ ހަ ގަނޑު) ނަގާފައިވާ ކަމަށެވެ.

އަތުލައިގަތް ރަން މިހާރު ވަނީ ރައްކާތެރިކަމާއެކު ބަހައްޓައިފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި ދެ ފަސިންޖަރުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަރުހަލާ މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު