ފުލުހުން ހައްޔަރުކުރި 3 މީހުން
ފުލުހުން ހައްޔަރުކުރި 3 މީހުން
މާލޭގައި ހިންގާ އޮފީހަކުން ވަގަށްނެގި ފައިސާގެ ތެރެއިން ބައެއް ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، ރ. މަޑުއްވަރި މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ. މި މީހުންގެ ތެރެއިން އަޙްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ދެނެގަނެފައެވެ. އަދި އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.

"ބަލައިފާސްކުރުުމުގެ ތެރެއިން 1،093،122.25ރ. (އެއްމިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8845 ޔޫއެސް ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ. މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ އޮފީހުން 1،252،505ރ. (އެއްމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11470 ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވެއެވެ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނާޡިމް (31އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ޙުސައިން ޞަބާޙް (42އ) 30 ދުވަހަށް އަދި ޢާއިޝަތު ނަޝާޔާ (32އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު