ހައިކޯޓު-
ހައިކޯޓު-
މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލުމަށާއި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޅ. ނައިފަރު، ސަފާ، ޙުސައިން ޠާއިލްގެ މައްޗަށެވެ. އެއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ފެބްރުވަރީ 26 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން ގ. ވަށަފަރުގޭގެ ހަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރި މައްސަލައެކެވެ.

ފުލުހުން އެ އެޕާޓްމަންޓަށް ދިޔައިރު އެތެރޭގައި ތަޅުލާފައި ހުރި ކޮޓަރިއަކުން ޠާއިލް ފެނިފައިވާއިރު، އެ ކޮޓަރި ބަލައި ފާސްކުރުމުގެ ތެރޭގައި ސައިޑް ޓޭބަލެއްގެ ވަތްގަނޑު ތެރެއިން 30.8 ގްރާމްގެ ކެނެބިސް އަޅާފައި ހުރި 73 ރަބަރު ޕެކެޓާއި، ކައްޓާއެއް އަދި ޠާއިލްގެ ވޮލެޓާއި އައިޑީކާޑު ފެނިފައިވެއެވެ.

މި މައްސަލައިގައި ޠާއިލާއި، ފާސްކުރަމުން ދަނިކޮށް އެ ކޮޓަރިއަށް އައި މަޙްމޫދު ޢަބްދުﷲ ގެ މައްޗަށް ދައުލަތުން ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލި ނަމަވެސް، 2023 ސެޕްޓެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ނިންމީ މަޙްމޫދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އަދި ޠާއިލްގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 8 މަހާއި 12 ދުވަސް ކަމަށް ދަށު ކޯޓުން ކަނޑައެޅިއެވެ.

ދަށު ކޯޓުގެ އެ ނިންމުން ޠާއިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ ކޮޓަރިއަކީ އޭނާ ދިރިއުޅޭ ކޮޓަރި ނޫން ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ކޮޓަރިއެއް ކަމަށް ބުނެ، މަސްތުވާތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ނޫން ކަމަށް ބަޔާންކޮށެވެ. އަދި ބަންދު މަޖިލީހުގައި އޭނާ މަސްތުވާތަކެއްޗަށް އިއުތިރާފުވީ ކޮއްކޮ ސަލާމަތްކުރުމުގެ ނިޔަތުގައި ކަމަށް ބުނެ އެ އިއުތިރާފުން ރުޖޫއަވާން އެދުމުގެ އިތުރުން، ތަހުލީލު ރިޕޯޓު ތައްޔާރުކުރި ތަހުލީލުކާރު ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތު ދީފައި ނުވުމާއި، ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދާފައެވެ.

މި ނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ފުލުހުން ދިޔައިރު އެ ކޮޓަރި އެތެރެއިން ތަޅުލައިގެން ހުރީ ޠާއިލް އެކަނި ކަމަށްވާތީ އެ ތަނުގައި ހުރި އެއްޗެއްސަށް ބާރު ފޯރުވުމުގެ އިހުތިޔާރު އޭނާއަށް އޮތް ކަމަށެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އެ ތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު އެއްޗެހި ކަމަށް ބުނެފައިވާތީ، އެ ތަކެތި ހުރިކަން އޭނާއަށް އެނގޭކަން ސާބިތުވާ ކަމަށްވެސް ކަނޑައެޅިއެވެ. މީގެ އިތުރުން، ފަނޑިޔާރެއްގެ ކުރިމަތީ ވެފައިވާ އިއުތިރާފަކުން ހަމައެކަނި ދައްކާ ބަހަނާއަކުން ރުޖޫއަ ނުވެވޭނެ ކަމަށާއި، 14 ގްރާމަށްވުރެ ގިނައިން އަތުގައި ހުރުމުން ގާނޫނު އިފްތިރާޒު ކުރަނީ އެއީ ޓްރެފިކްކުރުން ކަމަށްވާތީ ކުށުގެ ރުކުންތައް ފުރިހަމަވާ ކަމަށްވެސް ނިންމެވިއެވެ.

ހަމައެއާއެކު، ތަހުލީލު ރިޕޯޓުގެ ސައްހަކަމާމެދު ދަށު ކޯޓުގައި ޠާއިލް އެއްވެސް އިރެއްގައި ދެކޮޅުހަދައި ސުވާލު އުފައްދާފައި ނުވާ ކަމަށާއި، ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފައްދާފައިވަނީ އަނެއް މީހާގެ ވަކީލު ކަމަށްވާތީ، ދަށު ކޯޓުގައި ނުދައްކާ ވާހަކަތަކެއް އިސްތިއުނާފު މަރުހަލާގައި އަލަށް ނުބެލޭނެ ކަމަށް ހައިކޯޓުން ފާހަގަކުރެއްވިއެވެ.

މި ސަބަބުތަކަށްޓަކައި، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވައި، އެ ހުކުމް ދަމަހައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް