މަރްޔަމް ނަހްދާ ވަޙީދު   7 ނޮވެމްބަރު 2026 - 13:11
މަޖުނޫން ޕްރިމިއާ ނައިޓުގައި ޝިފާ އާއި ވާޝިޔާ
މަޖުނޫން ޕްރިމިއާ ނައިޓުގައި ޝިފާ އާއި ވާޝިޔާ
ދިވެހި ސިނަމާގައި އެންމެ ބޮޑު އޯޑިއެންސެއް އޮތް ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" އޮލިމްޕަސް ސްކްރީނުން ބަލާލަން ބޭނުންވާ ފަރާތްތަކުން އަވަސްވެގަތުމަށް ފިލްމުގެ ޓީމުން އިލްތިމާސްކޮށްފިއެވެ.

ނަހުލާގެ ބެނާގެ ދަށުން ނެރޭ ކޮންމެ ފިލްމަކީވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބޭ ފިލްމުތަކަކަށް ވާއިރު، މި ފަހަރުގެ ފިލްމު "މަޖުނޫން" އަށްވެސް އަންނަނީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިލްމު އޮލިމްޕަހުގައި އެޅުވި ހިސާބުން ފެށިގެން ޓިކެޓު ކައުންޓަރު ކައިރީގައި ދިގު ކިޔޫތައް ނެތް ވަގުތެއް ނުދެއެވެ. ޓިކެޓް ގަތުމަށް ކައުންޓަރަށް ބާރުބޮޑުވެ، ފޯނުތަކަށް ޖަވާބު ނުދެވޭތީ، ޓިކެޓް ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ކައުންޓަރަށް ވަޑައިގަތުމަށް އެދި ސޯޝަލް މީޑިއާގައިވެސް ވަނީ ޕޯސްޓުކޮށްފައެވެ.

"ހުއްޓާނުލާ މެސެޖަށް ޖަވާބު ދިނަސް ހަވީރުވާއިރު އެބައިނދޭ އެއް ފޯނަށްވެސް ޖަވާބު ނުދެވި 400 އަށްވުރެ ގިނަ ޕެންޑިންގ މެސެޖު،" ޓިކެޓަށް އޮތް ޑިމާންޑް ހާމަކުރަމުން ނަހުލާ ބުންޏެވެ.

ފިލްމު އެޅުވުމާއެކު ޓިކެޓަށް މިއެރި ރޯޅީގައި ރާސްލާފައި ގޮސް މިހާރު ވަނީ ޓިކެޓުތައް ހުސްވުމާ ގާތްވެފައެވެ. މިހާރު ވިއްކަމުންދަނީ 26 ވަނަ ޝޯގެ ޓިކެޓެވެ. އޮލިމްޕަސް ލިބިފައިވަނީ އެންމެ 30 ދުވަސް ކަމަށް ވުމާއެކު ދެން މާ ގިނަ ދުވަހެއް ނުވެ ފިލްމު ސްކްރީނުން ނަގަން ޖެހޭނެއެވެ. އޮލިމްޕަހުން ލިބިފައިވާ މުއްދަތު މަދުވުމުން، މިފަހަރު އެންމެންނަށް ސްކްރީނުން ބަލާނެ ޖާގަ ނުލިބޭނެ ކަމަށް ނަހުލާ ކުރިންވެސް ވަނީ ބުނެފައެވެ.

"ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ދަންވަރު ޝޯތައްވެސް އޮލިމްޕަސް އިން ދޭ ވަރަކަށް މިދަނީ ހުޅުވާލަމުން. ނޮވެމްބަރު 11 އަކީ ބަންދު ދުވަހަކަށް ވާތީ ނޮވެމްބަރު 10 ގެ ދަންވަރު ޝޯ މިހާރު އެވަނީ ހުޅުވާލާފަ،" އިތުރު ޝޯތަކާ ގުޅޭގޮތުން ނަހުލާ ބުންޏެވެ.



ދިވެހި ފިލްމު "މަޖުނޫން" ބެލުމަށްފަހު ގިނަ ބަޔަކު ދަނީ ފިލްމަށް ތައުރީފް ކުރަމުންނެވެ. މިއީ ތާރީހުގައި ލިޔެލެވޭނެ ފިލްމެއް ކަމަށް ކުރީގެ މީޑިއާ ކައުންސިލްގެ ރައީސް މޮންދުވެސް ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި މި ފިލްމަށް ތަޢުރީފް އޮހެމުންދާއިރު، މިއީ މި ރާއްޖެއަށް މުޅިން ތަފާތު މަސާލާއެކެވެ. އެހެން ފިލްމުތަކާ ތަފާތު ބޮޑު އެތައް ކަމެއް ހިމެނޭ، އަދި އިޖްތިމާއީ ބޮޑު މައްސަލައެއް ސިފަވެގެންދާ މި ފިލްމަކީ ހުރިހާ ރަހަތަކެއް ބަރާބަރަށް ހުރި ފިލްމެއް ކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ.

އެހެންނަމަވެސް ހިތާމައަކީ ފިލްމު ބަލަން ބޭނުންވާ އެންމެންނަށް ސްކްރީނުން ފިލްމު ބެލުމުގެ ފުރުސަތު ލިބެން ނެތް ކަމެވެ. މިހާރު ވިކެމުން އެ ދަނީ މި ފިލްމުގެ ފަހު ޝޯތަކުގެ ޓިކެޓެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް