ހުށައަޅާފައިވާ ބައެއް ލޯގޯތައް
ހުށައަޅާފައިވާ ބައެއް ލޯގޯތައް
"އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ގައި ބޭނުންކުރާނެ ރަސްމީ ލޯގޯ ހޮވުމަށް އާއްމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.

މި މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ސަގާފަތާއި ބެހޭ މިނިސްޓްރީ) އިން ހުޅުވާލުމުން، މުއްދަތު ހަމަވިއިރު ޖުމްލަ 22 ލޯގޯއެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ފަނޑިޔާރުންގެ ވޯޓާއި އާއްމުންގެ ޚިޔާލަށް ބެލުމަށްފަހު، އެންމެ ފުރިހަމަ ފަސް ލޯގޯ މިހާރު ވަނީ ޝޯޓްލިސްޓް ކޮށްފައެވެ.

މި ފަސް ލޯގޯގެ ތެރެއިން ޤައުމީ މަޝްރޫއުގައި ރަސްމީކޮށް ބޭނުންކުރާނެ އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށްޓަކައި އާއްމުންނަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް އޮންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ހޮވޭ އެއްވަނަ ލޯގޯއަކަށް 60،000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ ރިވެތި އަޚްލާގު މުޖުތަމައުގައި އަލުން އިއާދަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އެމަނިކުފާނުގެ ނިންމެވުމާ އެއްގޮތަށް، އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ ފުޅާ މަޝްރޫއެއް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.

"އިހުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ޤައުމީ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އެކުވެރި، އަމާން އަދި އިހްތިރާމް ކުރުމުގެ މަތިވެރި ސިފަ އަށަގެންފައިވާ ދިވެހި މުޖުތަމައެއް ބިނާކުރުމެވެ.

މި ޤައުމީ މަޝްރޫޢު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާގެ އިތުރުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ. މި ހަރަކާތްތައް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި 9 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މި ކެމްޕޭން ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ 34 މީޑިއާއަކުން މިހާތަނަށް ވަނީ މި މަޝްރޫޢުގައި ބައިވެރިވެ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް