ޖޫރިމަނާ-
ޖޫރިމަނާ-
ތަދުކަނޑުވާ އިންޖެކްޝަނެއް ޖަހައިނުދިނުމުން ޑޮކްޓަރަކަށް މަރުގެ އިންޒާރުދީ، ފުލުހުންގެ މަރުކަޒުގައި ރޯކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު 116،700 (އެއްލައްކަ ސޯޅަހާސް ހަތްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ބިރުދެއްކުމުގެ ދެ ދަޢުވާއެއް ސާބިތުވެފައިވަނީ އދ. އޮމަދޫ، ސްޓެއްލާ، އަޙުމަދު ނާފިއުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ، ސިއްޙީ މަރުކަޒަށް ދައްކަން ގޮސް ތަދުކަނޑުވާ އިންޖެކްޝަނެއް ޖަހައިދިނުމަށް އެދުމުން އެކަން ކޮށްނުދިނުމާ ގުޅިގެން، އެތަނުގައި ހުރި ޑޮކްޓަރު މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައެވެ. މީގެއިތުރުން، އެ ހާދިސާއާ ގުޅިގެން ފުލުހުން ސިއްޙީ މަރުކަޒަށް ދިއުމުން، ފުލުހުންގެ މަރުކަޒުގައި ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ވެސް އޭނާގެ މައްޗަށް ވަނީ ދަޢުވާ ސާބިތުވެފައެވެ.

"އަޙްމަދު ނާފިޢު، 23 ޖޫން 2024 ދުވަހު 21:18 އެހައި ކަންހާއިރު، އދ. އޮމަދޫ ސިއްޙީ މަރުކަޒުގެ ތެރޭގައި އަޑުގަދަކޮށް ހަޅޭލަވަނިކޮށް، ފުލުހުން އޭނާއަށް ނަސޭހަތްތެރިވެ އެ ގޮތަށް ޢަމަލުނުކުރަން އެންގުމުން، ފުލުހުންނާ ދިމާލަށް މަރާލާނެ ކަމަށާއި ޕޮލިސް ޕޯސްޓްގައި ރޯކޮށް ޕޮލިސް ޕޯސްޓަށް ގެއްލުން ދޭނެކަމަށް ބުނެ ބިރު ދައްކާފައިވާތީ، ދައުލަތުން ކުޅަ ކުށުގެ މިދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، އަޙްމަދު ނާފިޢުގެ މައްޗަށް ހުށަހަޅާފައިވާ އެވަގުތު އަނިޔާއެއް ދީފާނެކަމަށް ބިރު ދެއްކުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ހުށަހަޅާފައިވާ ހެކި ޤަރީނާއިން، މިކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ސާބިތުވެފައިވާތީ." މައްސަލައިގެ ޙުކުމްގައިވެއެވެ.

މި ދެ ދަޢުވާއާ ގުޅިގެން އޭނާގެ މައްޗަށް ފުރަތަމަ ކަނޑައެޅުނީ ދޮޅު އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ޙުކުމެކެވެ. ނަމަވެސް، އޭނާއަކީ ވަޒީފާ އަދާކުރާ މީހަކަށް ވެފައި، އަމިއްލަ ނަފްސު އިޞްލާޙުވާން ބޭނުންވާ ކަމަށް ބުނެ އަދަބު ލުއިކޮށްދިނުމަށް ކޯޓުގައި އެދުމުން، ފަނޑިޔާރު ވަނީ ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދެއްވާފައެވެ.

"އަޙްމަދު ނާފިޢު 1 (އެކެއް) އަހަރާއި 6 (ހައެއް) މަހާއި 21 (އެކާވީސް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، އަޙްމަދު ނާފިޢުގެ މައްޗަށް ކަނޑައެޅުނު 1 (އެކެއް) އަހަރާއި 6 (ހައެއް) މަހާއި 21 (އެކާވީސް) ދުވަހަށް ޖަލަށްލުމުގެ އަދަބު، ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1005 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން -/112200ރ (އެއްލައްކަ ބާރަ ހާސް ދުއި ސައްތަ ރުފިޔާ) އިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް." ޙުކުމްގައިވެއެވެ.

އެގޮތުން ކަނޑައެޅުނު ޖުމްލަ 116،700 ރުފިޔާގެ ޖޫރިމަނާގެ ތެރެއިން، 4،500 ރުފިޔާ ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ދެއްކުމަށާއި، ބާކީވާ 112،200 ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށް އޮމަދޫ ކޯޓުގެ ޙުކުމުގައި ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް