އެމްއެންޑީއެފުން މާލޭގރ މަގުތަކުގައި ފެން ހިންދަނީ، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން މާލޭގރ މަގުތަކުގައި ފެން ހިންދަނީ، ފޮޓޯ: އެމްއެންޑީއެފް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމާއި ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

މާލެއަށް މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެމްއެންޑީއެފުން ބުނީ، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ނުކުމެ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފެންވަންނަމުންދާ ގެތަކާއި ފިހާރަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 12:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާ

ގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކުރާގޮތް ހާމަކުރަމުން މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އިރުއުތުރުގެ ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. މީގެއިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކާއި އެހެނިހެން ގިނަ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު