ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑުގެ ސާމްޕަލްއެއް
ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑުގެ ސާމްޕަލްއެއް
ދިވެހިރާއްޖޭގައި ތެލަސީމިއާ ސްކްރީން ކުރުމުގެ ޚިދުމަތް ޒަމާނީ ފެންވަރަކަށް ގެނައުމަށްޓަކައި، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި "ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު" މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތަކީ ތެލަސީމިއާ ބަލީގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ލޭގެ ބަލިތަކަށް ޚާއްޞަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ތަޢާރަފުކުރެވުނު މުހިންމު ޚިދުމަތެކެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު (4/2012) ގެ ދަށުން، ތެލަސީމިއާ ހުރިކަން ދެނެގަތުމަށް ޤާއިމުކޮށްފައިވާ ސްކްރީނިންގ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ތެލަސީމިއާގެ އެކި ތަޙުލީލުތައް ހަދާ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، 8 ފެބުރުވަރީ 2026 އިން ފެށިގެން ދަނީ ޚިދުމަތް ދެމުންނެވެ. ބައިނަލްއަޤުވާމީ ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށް، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ ގިނަ އަދަދެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ ޑީ.އެން.އޭ ތަޙުލީލުގެ ޚިދުމަތް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެމުން ގެންދަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ އެމް.ބީ.އެސް މެދުވެރިކޮށެވެ.

އަލަށް ތަޢާރަފުކުރެވުނު މި ޑިޖިޓަލް ކާޑަކީ، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރި ކާޑެކެވެ. މި ބަދަލާއެކު، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ (ޓްރެއިޓް) ހިމެނޭ ގޮތަށް ޑިޖިޓަލް ކާޑު ދޫކުރެވިގެންދާނެއެވެ.

ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މި ކާޑުގައި، ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިޔު.އާރް ކޯޑެއް ހިމެނިފައިވެއެވެ. އަދި މި ކޯޑު މެދުވެރިކޮށް، ތެލަސީމިއާ ކެރިއަރުންނަށް ޢާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެމް.ބީ.އެސް އިން މަޢުލޫމާތުދެއެވެ.

މި ޑިޖިޓަލް ކާޑު މިވަގުތު ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ދަނީ އީ-މެއިލް އަދި ވަޓްސްއެޕްގެ ޒަރިއްޔާއިންނެވެ.



ކިޔުންތެރިންގެ ހިޔާލު