ހުކުރު ޚުތުބާ އިއްވަނީ
ހުކުރު ޚުތުބާ އިއްވަނީ
މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާގައި ބުނެފައިވަނީ އަޅުތަކުންގެ މައްޗަށްވާ ﷲ ތަޢާލާގެ ނިޢުމަތްތަކަކީ ގުނައި ޢަދަދު ނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކެއް ކަމަށެވެ. އަދި މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުންކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. މިއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ، އަދި ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް ޚުޠުބާގައި ވަނީ ބަޔާން ކޮށްފައެވެ.

މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރު އަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ ކަމެއްކަން ހަނދާންކޮށްދެމުން، ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް މާތް ﷲ އަމުރު ކުރަށްވާފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ތިމާ ދަތިޙާލުގައި ވަނިކޮށް، ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް، އެފަދަ ވާހަކަތައް މީހުންނަށް ކިޔައިދީ އުޅުމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރަށްވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޚުޠުބާގައި އިތުރަށް އަލިއަޅުވާލައިފައިވަނީ، ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށެވެ. އެގޮތުން، ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭ ކަމާއި، ނިޢުމަތްތަކަށް ފުރަގަސްދޭ މީހުންނަށް ގަދަފަދަ ޢަޛާބު ހުރިކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެނގޭ ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކޮށްގެން ކަމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. އަދި އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވެ، ޚާލިޤުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި އެ ނިޢުމަތްތައް ހޭދަކުރުމަށް ގޮވާލިއެވެ.

މިއަދުގެ ޚުޠުބާ ނިންމާލަމުން ފާހަގަ ކޮށްފައިވަނީ، ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ ހަމައެކަނި ދުލުން ބުނާ ބަހަކުން ނޫން ކަމަށާއި، އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެ ކަމުގައި ޝާމިލުކޮށް، ޢަމަލީ ގޮތުން އެކަން ދައްކައިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު