އެމްޑީޕީގެ ޗެއާޕާސާން ހަސަން ލަތީފް (ކ) ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މަލީހް ޖަމާލު (ވ)
އެމްޑީޕީގެ ޗެއާޕާސާން ހަސަން ލަތީފް (ކ) ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މަލީހް ޖަމާލު (ވ)
ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓްރީއަކީ ހުންނަންޖެހޭ މިނިސްޓްރީއެއް ކަމާ މެދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ސުވާލު އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުން މިރޭ ގެެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، 10 މެމްބަރަކު ސޮއިކޮށް ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މުހަންމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށައަޅާފައިވާ ކަމަށެވެ. އެމައްސަލައިގައި 10 މެމްބަރަކު ސޮއިކުރެއްވި ނަމަވެސް އަދިވެސް އެކަމަށް ތާއިދުކުރާ އިތުރު މެމްބަރުން އެބަތިއްބެވި ކަމަށް ހަސަން ވިދާޅުވިއެވެ.

މަލީހުގެ މައްސަލައިގައި އާދިއްތަ ދުވަހު އޮންނަ ބައްދަލުވުމުގައި ޕީޖީ ގުރޫޕްގެ މެމްބަރުންގެ ޚިޔާލު ހުރިގޮތެއް ހޯއްދަވާނެ ކަމަށާއި، މަޖިލީހަށް އެމައްސަލަ ހުށައަޅާނީ މެމްބަރުންގެ ޚިޔާލު އެކަމުގައި ހުރިގޮތެއް ބެލުމަށްފަހު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ގިނަ ބޭފުޅުންގެ ހިތްހަމަޖެހުން އޮތްތޯ ނެތްތޯ އެގޭނީ ޕީޖީ ގުރޫޕް އާދިއްތަ ދުވަހު ބާއްވާ ޕީޖީ މީޓިންގައި، އަދި ގިނަ ބޭފުޅުންގެ ޚިޔާލު ހުރިގޮތެއް ނޭގެ." ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވަނީ ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓްރީ އަކީ ހުންނަންޖެހޭ މިނިސްޓްރީއެއްތޯ ވެސް ސުވާލު އުފައްދަވާފައެވެ.

"ކޮންމެހެން މަލީހުވެގެން ނޫން، ސަރުކާރުން ކުރަން ހުރި ކަންތައްތަކާއި ޚަރަދަށް ބަލާއިރު އެ މިނިސްޓްރީ (ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓްރީ) އަކީ ހުންނަންޖެހޭ މިނިސްޓްރީއެއްތޯ އެ ސުވާލު އުފެދޭ އަޅުގަނޑަށް، ތެދުތެދަށް ދަންނަވާނަމަ އަޅުގަނޑަކަށް ނުފެނޭ އެ މިނިސްޓްރީން މާ ބޮޑު މަސައްކަތްތަކެއް ކުރާތަނެއް މިނިސްޓްރީއެއްގެ ސިފައިގައި، ރަނގަޅު ކަމެއް ކަންނޭގެ ވިސްނާލުން ވެސް އެ މިނިސްޓްރީއަކީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ބެހެއްޓުމާމެދު." ހަސަން ލަތީފް ވިދާޅުވިއެވެ.

މަލީހާ ބެހޭ ގޮތުން އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށައެޅި މައްސަލާގައި ބުނެފައި ވަނީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރު ވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި އެއީ ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށެވެ. އެ ޤަވާޢިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

އެހެންކަމުން މަލީހު އިތުރަށް މަގާމުގައި ބެހެއްޓުމަކީ އެމްޑީޕީ އަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ދޮގެއް?

24-Nov-2020

ހުންނަންޖެހޭ ތަނެއް ނޫން. އޮންނަންޖެހޭ ސަރުކާރެއް ނޫން. އޮންނަންޖެހޭ މަޖިލިހެއްވެސް ނޫން. އަވަސް މަގަކުން ގެއްލޭ.


-5

ކިނބޫ

24-Nov-2020

ގުންޑާއިންނާއެކު ހިނގި އެންމެނަށް ކޮޅުކެހިވާތަން ފެނި ހިތަށް ހަމަޖެހުން ލިބޭ. ބޭރުކުރޭ ބޭރުކުރޭ.


-3

ހަސަން

25-Nov-2020

މަޖިލިހަކީ ހުންނަން ޖެހޭތަނެއްތަ ރައްޔަތުންނަ ކޮންކަމެއް ކޮދޭތަނެ ރަޔަތުންގެ ފައިސާގަންޑު ބަންޑުއަޅާލައިގެ އަމިއްލަ މަންފާޔަ ކަންތަކުރާ ބަޔެ އަނެއްކާ ތިތާތިބެގެން ހުސް ދޮގުހަދަނީވެސް


-1

ދޮގެއްނޫން

25-Nov-2020

މަލީހަކީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރެއްނޫނެވެ. އެއީ ކޯލިޝަނަށް ނިސްބަތްވާ މީހެކެވެ.



ޓްރެންޑިން