މާވެޔޮ މިސްކިތް، މާލެ، ދިވެހިރާއްޖެ
މާވެޔޮ މިސްކިތް، މާލެ، ދިވެހިރާއްޖެ
މި ފަހަކަށް އައިސް އިވޭ އަޑަކީ އިސްލާމްދީނުގެ އިލްމުވެރިންގެ ނަމުގައި "ފޭކް ޝެއިޚުންތަކެއް" ރާއްޖޭގައި ހަރަކާތްތެރިވާ ވާހަކައިގެ އަޑެވެ. އެއްބަޔަކު ބުނާ ގޮތުގައި، ސައުދީގެ އެއާޕޯޓަކަށް ފައިންޕުޅު ބީއްސަވާލުމަށްފަހު ރާއްޖެ އައިސް "އައް ޝެއިޚް"ގެ ތާޖު އަޅައިގެން އުޅޭ ބަޔަކު އެބަ އުޅެއެވެ. އަނެއްބަޔަކު ތުހުމަތު ކުރާ ގޮތުގައި ތަޢުލީމު ދިޔާނާގެ ބަނޑޭރިގަނޑު ކިޔާލައިގެން ވެސް "ޝެއިޚް" ވެފައި ބަޔަކު އެބަ އުޅެއެވެ.

މިއީ އެއް ގޮަތަކަށް ވެސް އިސްލާމް ދީނުގެ ޢިލްމު ހާސިލްކޮށްގެން ތިބި ޢިލްމުވެރިންގެ ވާހަކައެއް ނޫނެވެ. މިއީ އިސްލާމް ދީނާ ބެހޭ ގޮތުން ކަނޑެއްފަޅެއް ނޭނގުނަސް، ދީނުގެ އިލްމުވެރިން ކަމުގައި ދައުވާކުރާ ބަޔަކު އުޅޭކަމަށް ބުނާ މީހުންގެ ވާހަކައެވެ.

އިސްލާމް ދީނުގެ އިލްމުވެރިންނަކީ ޤަދަރުވެރި ބައެކެވެ. އެމާތް ދީން އުނގަންނައިދިނުމުގައާއި މީހުން ހޭލުންތެރިކުރުމުގެ މަތިވެރި ވާޖިބު އަދާކުރައްވަމުން ގެންދަވާ މަޑޫމައިތިރިކަމާއި އިހުލާސްތެރިކަމާއި އިހުސާންތެރިކަމާއި ހިތްހެޔޮކަމުގެ ނަމޫނާ ބައެކެވެ. އެބައިމީހުންނަކީ އިސްލާމް ދީނަށް ދަޢުވަތު ދެއްވާ ފަހުލަވާނުންނެވެ. މާތް ރަސްކަލާނގެ ބާވައިލެއްވި ދީނުގައިވާ ހުކުމްފުޅުތަކާއި، ހެޔޮ ކަންކަމާއި ނުބައިކަންކަން ބުނެދީ މީސްތަކުންނަށް ހެޔޮމަގު ދައްކައިދޭ އެދުރުންނެވެ.

އެކަމަކު، މި ބޭކަލުންގެ އަގާއި، ޝަރަފު އަދި ގަދަރު ވެއްޔާ މޮޑެވެމުން އެބަދެއެވެ. ކުރިން ދެންނެވި "ފޭކް ޝެއިޚުންގެ" ސަބަބުންނެވެ. އިސްލާމް ދީނުގެ ޢިލްމުވެރިންނޭ ކިޔައިގެން އުލޭ މިފަދަ މީހުން ބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގެ ސިޔާސީ މަޝްރަހުންނެވެ. ފެންނަނީ، ސިޔާސީ ބޭފުޅުންގެ ތައްޕާހުގައި ޖެހި އެމީހުން ދިފާއުކުރަން ވާހަކަ ދައްކާ މަންޒަރެވެ. ދީނީ ކަންކަން ސިޔާސީ ކުރާ މަންޒަރެވެ. ވަކި ލީޑަރަކު އެއްޗެކޭ ވިދާޅުވުމުން ގޯސްވެއެވެ. އޭނާ އިސްލާމް ދީނަށް ފުރައްސާރަކުރީ ކަމަށް ވެއެވެ. އެކަމަކު ތިމާ ހިތްރުހޭ ބޭފުޅާ ދީނަށް ފުރައްސާރަކުރިޔަސް ހުންނަނީ ހަނެވެ. އޭނާ ހަމަ ކޮންމެ ގޮތަކަށް އުޅުއްވިޔަސް އޯކޭ އެވެ. ދީނުގެ ނަމުގައި މީހުންނާ ދިމާކޮށް ހަޖޫ ކިއުމެވެ. ގިނަ ބަޔަކު ބުނާ ގޮތުން އެމީހުން ކިބައިގައި އެވަނީ މުނާފިގުންގެ ސިފައެކެވެ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ދިވެހި އެތައް ރައްޔިތެއްގެ ދުލުން އިވޭ ވާހަކައެވެ.

ހައްޤު ދީން ސިޔާސަތުގެ ތެރެއަށް ވަނިއްޔާ ވަންނާނީ، ހެޔޮކަންތަކަށް މަގުދައްކައިދޭށެވެ. ލަފާ ސިޔާސަތު ބުނެދޭށެވެ. ޙައްޤު ބަޔާންކޮށްދޭށެވެ. މަގުފުރެދުމާއި އަނިޔާވެރިކަމުން ރައްކާތެރިކޮށްދޭށެވެ. ޙައްޤު ދީން އަނިޔާއަކަށް ނުރުހޭނެއެވެ. އޮޅުވާލުންތަކަށް ކަނުލޮލެއް ނުދޭނެއެވެ. އަދި ބާރުގަދަ ފަރާތްތަކުން ނިކަމެތިންގެ މައްޗަށް ގަދަވެގަނެގެން ތިބުމާ އެއްބަހެއް ނުވާނެއެވެ. ކުޑަ ވަގަށް އަދަބުދީފައި ބޮޑު ވަގަށް ލަޤަބުދޭކަށް ޤަބޫލެއް ނުވާނެއެވެ. ސިޔާސަތުގެ ތެރެއަށް ދީން ވަދެއްޖެއްޔާ، އިންސާނާއާއި ޙަޔާތުގެ މަތިވެރި ލަނޑުދަނޑިތައް ކަމުގައިވާ، އެއްކައުވަންތަ އިލާހާއި، ނަފްސު ޠާހިރުކުރުމާއި، ރޫޙާނީ ކުރިއެރުމާއި، ޚުލްޤު ސީދާވުމާއި، އިންސާނާ ޚަލްޤުކުރެއްމުގެ ފަހަތުގައި މަޤްޞަދުތައް ފުރިހަމަވުމާއި، ބިމުގައި ޚަލީފާވެރިވުމާއި، އަދި ބިމުގައި ޙައްޤާއި ޢަދުލުވެރިކަން ޤާއިމުކުރުމާއި، އަދި މީގެ އިތުރުންވެސް ޢާއިލާތައް ބަދަހި ކުރުމާއި މުޖްތަމަޢުގެ އެއްބައިވަންތަކާއި، އުއްމަތުގެ އެއްބައެއްވަންތަކަމާއި، ދައުލަތުގެ ޢަދުލުވެރިކަމާއި، ވެރި މީހާ އާއި ވެރިން މަގުން ކައްސައިލިޔަ ނުދިނުމާއި ދީނާ ސިޔާސަތު ވަކިކުރަން ފުރުސަތު ނުދިނުންފަދަ ހުރިހާ ލަނޑުދަނޑިތަކެއް ހަސިލު ކުރުމަށް މަގުދައްކައިދޭނެއެވެ.

އެކަމަކު ރާއްޖޭގައި ހައްގު ދީނުގެ ޢިލްމުވެރިންކަމުގައި ހެދިގެން އުޅޭ މީހުން ސިޔާސީ ކަންކަމުގެ ތެރެއަށް ދީން ވައްދަނީ މުޅިން ގޯސްކޮށެވެ. އެއިން ކޮންމެ މީހެއްގެ ވެސް ބޭނުމަކަށް ވަނީ ވަކި ބޭފުޅެއްގެ މަސްލަހަތު ހިމާޔަތްކުރުމެވެ. އެމީހުން ހިތުން ހައްގު ބަހަކީ ވަކި ސިޔާސީ ލީޑަރަކު ބަހެވެ. ބައެއް ފަހަރު އެއްކައުވަންތަ އިލާހަށް ވުރެ ވެސް ވަކި ސިޔާސީ ލީޑަރަކު މުހިންމުވާ ހެން ހީވެއެވެ.

އެމީހުން މަސައްކަތް ކުރަނީ މުޖުތަމައުގައި ފިތުނަ ފަސާދަ އުފައްދާށެވެ. ތަކުރާރުކޮށްލާނަމެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އިލްމުވެރިންނަށް ގަދަރުކުރާ ދިވެހި ލޮބުވެތި ރައްޔިތުންގެ ދުލުން އިވެމުންދާ ވާހަކަތަކެވެ. މިއަދު މިވަނީ އަސްލީނަސްލީ އޮޅިފައެވެ. ހަގީގީ އިސްލާމް ދީނުގެ އިލްމުވެރިން ދެނެގަނެ، "ފޭކް" ޝައިޚުންނާމެދު ސަމާލުވާން ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން