ރައީސް މައުމޫން (ވ) އާއި ރައީސް ޞާލިޙް
ރައީސް މައުމޫން (ވ) އާއި ރައީސް ޞާލިޙް
ކޯވިޑް-19 ގައި މަރުވާ ބޭރުޤައުމެއްގެ ބަޔަކު ރާއްޖޭގައި ވަޅުލުމަށް ތާޢީދު ނުކުރައްވާ ކަމަށް 30 އަހަރު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމް އަދާކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިމޭރުމުން ވިދާޅުވެފައި މިވަނީ، ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވުމާއެކު، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަ ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް އަލްއުސްތާޛު މައުމޫން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތް ކުރާ ބިދޭސީންނަށް އެމީހުން ނިސްބަތްވާ ޤައުމާއި، ދީނަށް ބެލުމެއްނެތި ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ރާއްޖޭގައި އުފާވެރިކަމާއި އަމާންކަމަށް އެދޭ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

"ނަމަވެސް ކޯވިޑް-19 ޖެހިގެން ނިޔާވާ އެހެން ޤައުމެއްގެ ބަލިމީހުން ވަޅުލުމަށް ރާއްޖެއަށް ގެނައުމަކީ އަޅުގަނޑު ތާޢީދުކުރާ ކަމެއް ނޫން." ރައީސް މައުމޫން ވިދާޅުވިއެވެ.



ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޯވިޑް-19 ގައި މަރުވާ މީހުން އެންދުމަށެވެ. ނަމަވެސް މުސްލިމުން އެންދުމާއި ދެކޮޅަށް އެގައުމުގެ މުސްލިމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ރާއްޖޭގައި ވަޅުލުމަށް ފޮނުވުމަށް ލަންކާގެ ޚާރިޖީ ވުޒާރާގައި އެދިފައިވަނީ ދިވެހި ސަރުކާރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން