ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ދަރި ލެއްވުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް ކަމަށް ކުރީގެ ރައީސް އަދި އިސްލާމްދީނުގެ ޢިލްމުވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައި އޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާ ކުރާކަމެއް ނޫން ކަމަށެވެ. އެގޮތުން، އިރު ހިނގާގޮތް ބަލައިގެން ނަމާދު ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އެހެންކަމުގައި ވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އިތުރަށް ވިދާޅުވީ، ފިންގަރޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައްވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަންނަ ކަމަށެވެ.

ރައީސް މައުމޫނަށް ރައްދު ދެމުން ތަފްސީރު ޢިލްމުވެރިޔާ ޑރ. ޢިޔާޒް ވިދާޅުވީ، ޑީއެންއޭ އަށް ބަލައި ދަރި ސާބިތުކުރުމެއް އަދި ނަފީ ކުރުމެއްވެސް ނެތް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިންކަމަށް ވިދާޅުވާ ބައެއް ބޭފުޅުންނަށް ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނުގެ މި ރަޢުޔު ދިފާޢު ކުރައްވައި ޓްވިޓާގައި ހެއްކާއި ޙުއްޖަތް ދައްކަވަމުންނެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެކަމަށް ހައިކޯޓުން ކުރި ޙުކުމަކަށް ޕީޖީ ޝަމީމް ޢިލްމީ ނަޒަރިއްޔާތުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ބައެއް ފަރާތްތަކުން ގެންދަނީ ޝަމީމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް މިކަމުގައި ރައީސް މައުމޫން މިވަނީ ޕީޖީ ޝަމީމަށް ތާޢީދު ކުރަށްވާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ، ޒިނޭއެއް ކުރެވެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ވެގެން ކަމަށާއި، އޭގެ ތެރެއިން އަންހެން މީހާގެ މައްޗަށް ދަޢުވާ ކޮށް، ކުށް ސާބިތު ކުރުމަށް ތަފާތު ވަކި ފަސޭހަ ގޮތެއް އޮތުން އެއީ އިންޞާފުވެރި ގޮތެއް ނޫންކަމަށް ޤާނޫނުލް އުޤޫބާތް އެކުލަވާލި ދުވަސްވަރު ފެނުނު ކަމަށާއި، އެކަމަށް ޙައްލެއް ގެނައުމަށް ޤާނޫނުލްޢުޤޫބާތުން ގެނައި ޙައްލަކީ ދެވައްތަރެއްގެ ޒިނޭ ތަޢާރަފު ކުރުން ކަމަށެވެ. އޭގެތެރެއިން އެއް ވައްތަރަކީ، އިސްލާމީ ޝަރީޢަތުގައި އޮތް ޒިނޭއެވެ. އެބާވަތުގެ ޒިނޭ ސާބިތު ކުރުމަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތުގައި އޮތް ސާބިތު ކުރުމުގެ މިންގަނޑުކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔެފައި އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ. ދެވަނަ ޒިނޭއަކީ ޤާނޫނީ ޒިނޭއެވެ. އެއީ، ސާބިތު ކުރުމުގެ މިންގަނޑު ދަށް ޒިނޭއެއް ކަމަށާއި، އެބާވަތުގެ ޒިނޭ ސާބިތުކުރުމަށް އަންހެނާ ވިހާ ދަރީގެ ޑީއެންއޭ ބޭނުން ކުރެވޭގޮތަށް ޤާނޫނުލް ޢުޤޫބާތުގައި ލިޔެފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމަށް ރައްދު ދެމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޒިނޭ ވާނީ ޒިނޭއަށް ކަމަށާއި، ކައިވެނި ވާނީ ކައިވެންޏަށް ކަމަށެވެ. އަދި ލިވާޠު ވާނީ ލިވާޠަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށްވެފައި، މިފަދަ ޝައުޢީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުޢީ މިންގަނޑުތަކާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމުގައިވާތީ، ޝަރުޢީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙެއްގެ ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން