އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ކުރިން ވެސް އޮންނަނީ އަދާލަތު ޕާޓީގެ ލީޑަރޝިޕަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވާއިދަށް ޑިމޮކްރަސީއާއި ބީރަށްޓެހި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އެޕާޓީގެ ބައެއް ޢާއްމު މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަތަކެއް ހުށައަޅާފައެވެ. އެގޮތުން ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާ ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ލެވޭ ގޮތް ހެދުމަށް މަސައްކަތް ކުރާ ކަމަށް އެ މެމްބަރުން ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ، ޢަދާލަތު ޕާޓީގެ ދުސްތޫރަށް އެއްވެސް އިސްލާޙެއް ގެނައުމަށް ޢަދާލަތު ޕާޓީން އަދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާ ކަމަށެވެ. އެ ޕާޓީގެ މިހާރުގެ ގަވާއިދުގައި ބުނާ ގޮތުން އެޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސްކަމަށް ވެސް އަންހެނަކަށް ކުރިމަތި ނުލެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 42 ވަނަ މާއްދާގެ ޅަވިޔަނީގައި މިހާރުވެސް އޮތީ ޕާޓީގެ ރައީސް ކަމަށާއި، ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭނީ ފިރިހެނަކަށް ކަމަށް. އިތުރު އިސްލާޙެއް އަދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައި ނުވޭ." ޝަރީފް ވިދާޅުވިއެވެ.



ދީނީ ޢިލްމުވެރިންތަކެއް އިސްވެ އުފައްދާފައިވާ އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް މިއަހަރުގެ ފެބުރުއަރީ މަހުގެ 26 އަދި 27 ގައި ބާއްވާގޮތަށް އެޕާޓީން ވަނީ ނިންމާފައެވެ. ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުނެވެ.

އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޢަދާލަތު ޕާޓީން ޢާއްމުކޮށްފައިވާ ބަޔާނެއްގައިވަނީ، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 12 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ޢިމްރާން އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިއްބެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވާޢިދުގައި ވެސް އޮތީ ޕާޓީގެ ރައީސާ ނާއިބް ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް ކަމަށް އީސީ ޝަރީފި ވިދާޅުވެފައިވާއިރު އެމައްސަލައިގައި ގިނަ ބަޔަކު ފާޑު ކިޔަން ފެށުމުން އެޕާޓީން ބުނެފައި ވަނީ އެފަދަ ބަދަލެއް އަސާސީ ގަވާޢިދަށް ގެންނަން ނޫޅޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން