ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ޢަދާލަތު ޕާޓީގެ ރައީސްކަމަށް 3 ވަނަ ދައުރަކަށް އިމްރާން އިންތިޚާބުކޮށްފިއެވެ.

މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށްދިޔަ އަދާލަތު ޕާޓީގެ ތިންވަނަ ދައުރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ މިހާރުވެސް އެޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ.

ޢަދާލަތު ޕާޓީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ޖުމްލަ 1088 މެމްބަރުން ވޯޓުލާފައިވާ ކަމަށެވެ. އޭގެތެރެއިން 921 ވޯޓު ހޯއްދަވައިގެން މިހާރުގެ ރައީސް އިމްރާން ޢަބްދުﷲ އިންތިޚާބު ކާމިޔާބު ކުރަށްވާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އިމްރާން އާއި ވާދަކުރެއްވި ޑރ. ޒާހިރު އަށް ލިބިފައިވަނީ 167 ވޯޓެވެ.



ޢަދާލަތު ޕާޓީން ބުނެފައިވަނީ، ވަގުތީ ނަތީޖާއަށް ބަލައި، ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ރައީސެއްގެ ގޮތުގައި އައްޝައިޚް އިމްރާން ޢަބްދުﷲ އަދި ނައިބު ރައީސެއްގެ ގޮތުގައި އަޙްމަދު ޝަރީފް އިންތިޚާބު ވެފައިވާ ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން ހުށައެޅުނު އެންމެހައި ޝަކުވާތަކަށް ބެލުމަށްފަހު ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޤަވާޢިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 5 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނު ކުރެވޭނެ ކަމަށް އެ އިޢުލާނުގައި ވެއެވެ.

ފާއިތުވި ނުވަ އަހަރު އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމު ފުރުއްވައި އިތުރު ދައުރަކަށް ކުރިމަތިލެއްވި އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އިންތިހާބުގައި އޭނާ ވޯޓް ދެއްވާފައިވާ ކަމަަށާއި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން އެ އިންތިޚާބުގެ ވޯޓު ލުމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ދިޔައީ ރާއްޖޭގެ ރިޔާސީ އިންތިޚާބު އޮންނަ އުސޫލަށެވެ. އެ ގޮތުން، ޕާޓީގެ ނައިބު ރައީސަކަށް ކަނޑައަޅާނީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ރަނިންމޭޓެވެ. 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ އަދާލަތު ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 6866 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން