މީހުން ގޮވައިގެން ދަތުރުކުރާ ބޯޓެއް ރަށެއްގެ ބަނދަރުގައި
މީހުން ގޮވައިގެން ދަތުރުކުރާ ބޯޓެއް ރަށެއްގެ ބަނދަރުގައި
ދިރިއުޅޭ ރަށަށް އެނބުރި ނުދެވި ތިބި ފަރާތްތަކާއި ރަށުން އެނބުރި މާލެ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހިއްސާކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު މަހްމޫދު ސޮއިކުރެއްވައި ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކޯވިޑް-19 ރާއްޖޭގައި ފެތުރެމުން ދިއުމާއި ގުޅިގެން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެނިހެން ދަތުރުތައް ކުރުން ހުއްޓާލާފައިވާތީ، މާލެއިން، ދިރިއުޅޭ ރަށަށް ނުދެވިފައި ނުވަތަ ރަށުން އެނބުރި މާލެ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ހުރިހާ ސިޓީ އަދި ރަށެއްގައި ތިބި އެފަދަ މީހުންގެ މައުލޫމާތު ހޯދައި، ފޮނުވައި ދިނުމަށް އެލްޖީއޭއިން ވަނީ އެދިފައިވެއެވެ. މައުލޫމާތު ފޮނުވުމަށް އެދިފައިވަނީ ޖެމްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ، ރިސޯޓްތަކުން މާލެ އައިސް ތިބި މީހުންނާއި، ޒަރޫރީ ބޭނުންތަކަށް މާލެއަށް ނާދެވިފައިތިބި މީހުންގެ ތެރެއިން ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ސޯޝަލް ކައުންސިލުން އެހީތެރިވަމުން އަންނަ ކަމަށެވެ.

ރިސޯޓުތަކުގައި ތާށިވެފައިތިބި މުވައްޒަފުންނާއި، ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީތަކުގައި 14 ދުވަސް ފުރިހަމަކޮށް، ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވާ ފަރާތްތައް، އެމީހެއްގެ ރަށަށް ގެންގޮސް ދޭނެ ކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި ވުމާއެކު، ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ވަނީ ރަށަށް ނުދެވި ރިސޯޓުގައި ތާށިވެފައެވެ. އަދި މާލޭގައިވެސް އަމިއްލަ ރަށަށް ނުދެވި ގިނަ ފަރާތްތަކެއް ތިބިކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން