ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ޚާއްސަކޮށް، ބޭންކުގެ ފައިނޭންސިންގ ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭނެ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް، މިރޭ އިފްތިތާޙްކޮށްފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ.

ބީއެމްއެލް އިން ބުނީ "މަސްވެރިޔާ" ޕޯޓަލް އަކީ މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ޙާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން ވަރަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ތިރީގައިވާ ބޭނުންތަކަށް އިސްލާމީ ފައިނޭންސިންގ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އެގޮތުން އިސްލާމީ ފައިނޭންސިންގ ޚިދުމަތްތަކަށް ހުށައެޅޭނީ؛

- ގެދޮރު ގަތުމަށް

- ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް

- މަތީ ތަޢުލީމު ޙާސިލުކުރުމަށް

- އުޅަނދު ބަނުމާއި މަރާމާތުކުރުމަށް

- ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް

- ލުއި ފައިނޭންސިންގއަށް (މިއީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންގ އެއް).

މަސްވެރިޔާ ޕޯޓަލް އިފްތިތާޙުކުރުމާ ގުޅޭގޮތުން ބީ.އެމް.އެލް. ގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގެއް ތަނަވަސްކޮށްދިނުމުގެ މަޤްސަދުގައި މި އަހަރުގެ ކުރީކޮޅު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށެވެ.

"މަސްވެރިޔާ ޕޯޓަލް އިފްތިތާޙުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ޙައްލުތައް ފަސޭހައިން ލިބޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ޙައްލުތައް ފޯރުކޮށްދިނުމަށް." ޝަރީފް ވިދާޅުވިއެވެެ.

މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބޭންކުން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ. މީގެ އިތުރުން، އެއްވެސް އިކުއިޓީއެއް (އަމިއްލަ ހިއްސާއެއް) ނުވަތަ ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ޚާއްސަ ފެސިލިޓީއެއްވެސް ބޭންކުން ވަނީ ތަޢާރަފްކޮށްފައެވެ. މި ފައިނޭންސިންގއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

އެބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު