މިއަދު ޙާދިސާ ދިމާވި ބޯޓު | ފޮޓޯ: މީސްމީޑިއާ
މިއަދު ޙާދިސާ ދިމާވި ބޯޓު | ފޮޓޯ: މީސްމީޑިއާ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސީޕްލޭން ބޭސްގައި މިއަދު ހިނގި ހާދިސާއާ ގުޅިގެން، އެކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ފަށާފައިވާ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ހާމަކޮށްފިއެވެ.

ޓީއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވީއައިއޭގެ ސީޕްލޭން ބޭސްގައި މިއަދު މެންދުރުފަހު ގާތްގަނޑަކަށް 14:25 ހާއިރު އެ އެއާލައިންގެ ބޯޓަކަށް ހާދިސާއެއް ދިމާވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން، ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މިހާރު ވަނީ ރައްކާތެރިކަމާއެކު ބޯޓުން ބާލާފައި ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ޓީއެމްއޭ އިން އިތުރަށް ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި ޓީއެމްއޭ އިން ދުއްވާ ބޯޓެއް ޓެކްސީ ކުރުމުގެ ތެރޭގައި މި ހާދިސާ ހިނގުމާއެކު، އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން އެމްއޭސީއެލްގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސީޕްލޭނުގެ އެއްބައި ވަނީ އަޑިއަށް ގޮސްފައެވެ. އަދި ލައިފް ރިންގު ފަދަ ސަލާމަތީ ވަސީލަތްތައް ބޭނުންކޮށްގެން، ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްކުރުމަށްޓަކައި ޓީއެމްއޭގެ ގިނަ އަދަދެއްގެ މުވައްޒަފުން އެ ސަރަހައްދުގައި އަވަސްވެގަނެ ހަރަކާތްތެރިވަމުންދިޔަ މަންޒަރުވެސް އެ ވީޑިއޯތަކުން ފެނިގެންދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ސަލާމަތީ ފަރާތްތަކުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު