ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓާތަކާއި އަތޮޅު ހޮސްޕިޓާތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓާތަކާއި އަތޮޅު ހޮސްޕިޓާތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި އަދި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދުވަސްވަރު ޢާންމު އެހެން ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށްދާގޮތާއި އަދި ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ތެލެސީމިއާ ކުދިންނާއި މާބަނޑު އަންހެނުންނާއި އަދި އެނޫންވެސް ބޮޑެތި ބަލިތަކުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެހިފައި ހުރި ގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ.

މީގެއިތުރުން ކޯވިޑް-19އާއި ގުޅިގެން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި އެކަންކަން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ވީހާ ބޮޑަށް ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމާއި ކޯވިޑް-19ގެ ބަލީގެ އިތުރުން އެހެންބަލިތަކަށް ފަރުވާ ހޯދާފަރާތްތަކަށް ވެސް މިދުވަސްވަރު ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ޚާއްޞަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އަޅަންޖެހިފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ކުރާ ޢާންމު ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން ޞިއްޙީ ދާއިރާއިން ޢާންމު ދަތުރުފަތުރަށް ބަރޯސާވެ ކުރިން ދެމުންދިޔަ ބައެއް ޚިދުމަތްތައް ދިނުމުގައި ހުރިދަތިތަކާއި ޞިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ބައެއް ތަކެތި ލިބުމުގައި ހުރިދަތިތައް އެބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ހަމަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން