މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މެއިމަހު ހުޅުވާލަން ނިއްމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަމަށް ކުރިމަތިލުމުގައި އަމަލުކުރާނެ އުސޫލާއި މާކްސް ދޭ އުސޫލު މިއަދު އާއްމު ކުރާނެ ކަމަށެވެ. މާލޭގެ ރައްވެހިންނަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއަށް ކުރިމަތިލުމަށް މެއިމަހު ހުޅުވާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓްރީން ހެދި ހައުސިންގ ނީޑް އެސެސްމެންޓުން މިވަގުތު މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ 7500 އާއިލާ ދިރިއުޅެމުންދާކަން މިނިސްޓަރު އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އެޕްލިކޭޝަނަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުން 15 އަހަރުވަންދެން މާލޭގެ ރަށްވެއްސަކަށް ވެފައި، އޭނާގެ އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ދިރިއުޅޭނެ ތަނެއް ނެތް މީހަކަށް ވާނަމަ، ހައުސިންގ ޔުނިޓަކަށް ޝަރުތު ހަމަވާނެ ކަމަށެވެ. ހައުުސިން ޔުނިޓް ދިނުމުގައި މިހާރު ދިރިއުޅުމުގެ ހާލަތަށާއި، އާއިލާގެ ކުޑަ ބޮޑު މިނަށް ވެސް ބަލާއިރު މި މަޝްރޫއުން ހައުސިން ދިނުމުގައި އިސްކަން ދޭނީ 75 މާކްސް އަށްވުރެ މަތިން ލިބޭ ފަރާތްތަކަށް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް 5،600 ފްލެޓް އެޅުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި އަހަރުގެ ތެރޭގައި 5،000 ޔުނިޓްގެ މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން