މަޖިލިސް ޖަލްސާ
މަޖިލިސް ޖަލްސާ
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމްއާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްތޯބެލުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ކުރި އިއުލާނެއްގައި، ސިޔާނަތު އާ ބެހޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މެއިލް ކުރުމަށް، ނުވަތަ މަޖިލީހުގެ އިދާރައަށް ލިޔުމަކުން ހުށަހެޅުމަށް އެދިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިހާރު އަންނަނީ ސިޔާނަތުގެ ނަން ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމަގާމަށް އޭނާ އައްޔަންކުރުމާބެހޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ނިންނާމީ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުުގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަން ކުރެވޭ، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަންވާނެ ކަމަށެވެ.

ރައީސް މަޖިލީހަށް ހުށަހަޅުއްވާ ނަން، ނުވަތަ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއިން ފާސްކުރާ މީހަކު ރައީސުލްޖުމްހޫރިއްޔާ އެމަގާމަށް އައްޔަންކުރަންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ގާނޫނުގައި ބުނެފައިވަނީ އޮމްބަޑްސްޕާސަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ މަޖިލީހަށް ކަމަށެވެ.

އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމާއި، އެފަދަ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން