ރައީސުލްޖުމްހޫރިއްޔާާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާާގެ އޮފީސް
މިފެށޭ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވި ނަމަވެސް މި ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލެ ސިޓީގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވައި، ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް ރައީސް ހަމަޖައްސަވައިފި ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިމުއްދަތުގައި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ވެސް އޮފީސްތަކަށް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުން ކުރުމާއި ގުޅިގެން މިމަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިހާރުވެސް އޮތީ ނިންމާފައެވެ. އަދި އެމުއްދަތު މެއި 14އަށް އިތުރު ކުރިއިރު މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތުވެސް ވަނީ، މެއި މަހުގެ 14 އާއި ހަމައަށް އިތުރުކޮށްފައެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތު އިތުރު ކުރި ނަމަވެސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދޭންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެމަދު މިންވަރަށް މުވައްޒަފުން ނެރެގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް ހަމަޖެއްސެވީ، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން