މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މިކްސްޑް ޔޫސްޑް ޕާކިން އިމާރަތްތަކެއް އެޅުމަކީ ކުރަން ބޭނުންވާ ކަމެއް ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ޕާކިންގެ މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދުގައި ސަރުކާރާއި ގުޅިގެން މިކްސް ޔޫސްޑް ޕާކިން އިމާރަތްތަކެއް އެޅުމަކީ ސިޓީ ކައުންސިލުން ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އެ ޕާކީން އިމާރަތްތަކަކީ އެކި ކަަހަލަ ކޮމާޝަލް މަސައްކަތްތައް ކުރެވޭނެ ޖާގަ ތަނަވަސް ތަންތަނަށް ވެގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޕާކިން އިމާރަތްތަކުން ޕާކް ކުރާނެ ހާހެއްހާ ޖާގަ އުފެއްދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ އެކި ސަރަހައްދުތަކުގައި މިކްސްޑް ޔޫސްޑް ޕާކީން އިމާރަތްތަކެއް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދަން އަޅުގަނޑުމެންގެ ވިސްނުމަކީ، ހަމައެކަނި ޕާކިން އެކަންޏެއް ނޫން އެތަނުގައި ކޮމާޝަލް އެކި ބޭނުންތައް ހިފޭ ކަހަލަ އިންވެސްޓްމަންޓަށް ހުޅުވާލައިގެން ޕާކީން އިމާރަތް ކުރެވިއްޖެނަމަ އެތަނުން ލިބޭނެ ވަރަށް ބޮޑު ޖާގައެއް ޕާކްކުރަން، އެތަނުން ލިބޭނެ އެކިކަހަލަ ވިޔަފާރިތަކާއި އެހެން ކަންކަމަށް ލިބޭ ފުރުސަތުތައްވެސް." އަށް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މިހާރު މާލޭގައި ޕާކް ކުރެވޭ ތަންތަނުގައި އެކަން ކުރަނީ ދެކޮޅު ޖެހޭގޮތަށް ނޫން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މާލޭގައި މިހާރު ހުރި ވެހިކަލްތައް ޕާކް ކުރާނެ ޖާގަ އުފެއްދުމަކީ ސަރުކާރާއި ސިޓީކައުންސިލުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕާކީން މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި އަގުނަގައިގެން ޕާކުކުރެވޭގޮތަށް ބައެއް ތަންތަން ވަނީ ތަރައްގީކޮށްފައެވެ. އެތަނުގައި ޕާކުރެވެނީ ހަތަރު ފުރޮޅުލީ ވެހިކަލް ތަކެވެ. އެ ޒޯންތަކުން ދޫކުރާ ޕާކިން ސްލޮޓެއްގެ އަގަކީ މަހަކު 3000 ރުފިޔާ އެވެ. ކައުންސިލުން ބުނީ އެ ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި، 350 ކިލޯއަށްވުރެ މަތިނޫން ޕިކަޕަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން