ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވައުދުވެފައިވާގޮތަށް އިންޓަނެޓްގެ އަގު ހެޔޮކޮށްފިއެވެ.

ސަރުކާރުން އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލުތައް އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ހާމަކޮށްފައިވަނީ 1 ޖުލައި އިން ފެށިގެން ރާއްޖޭގެ ގޭބީސީތަކަށް ފޯރުކޮށްދޭ އިންޓަރނެޓް ޕެކޭޖްތަކުގެ އަގުން 30 އިންސައްތަ ހެޔޮވެގެންދާނެ ކަމަށެވެ.

ސަރުކާރުން ގޭބީސީތަކުގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި ތިން ޕެކޭޖެއް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް ތްރޮޓްލް ސްޕީޑު ދެ އެމްބީޕީއެސްގައި ދިނުމަށް ނިންމާފައިވާއިރު، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާއަށް ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސްއަށް ލިބޭނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ ގޭގެއަށް ދޭ އިންޓަނެޓް ޚިދުމަތުގެ އަގަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި މި ބަދަލާއެކު މަސް ހުސްވުމުގެ ކުރިން އިންޓަނެޓް ޕެކޭޖް ހުސްވުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެއެވެ. މިނިސްޓަރ ޝައުނާގެ ވާހަކައިގައި އިންޓަރނެޓްގެ އަގު ހެޔޮވީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށް ވިދާޅުވެ ދިރާގާއި އުރީދޫގެ ނަން ފާހަގަ ކުރަށްވައި އެދެ ކުންފުންޏަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

ސަރުކާރުން އިންޓަނެޓްގެ އަގަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތްތަކުގެ އަގުތައް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގަކަށް ދަށްކުރުން ހިމެނެއެވެ. އަދި ރެސިޑެންޝަން ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް 2 ގުނައާއި 5 ގުނައަށް މަތިވެގެންދާނެއެވެ. މީގެއިތުރުން އެންމެ ކުޑަ ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 300 ރުފިޔާއަށްވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން 1 އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަނެއްކޮޅުން އިންޓަނެޓްގެ އަގަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައި މިވަނީ، އެކަން ލަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން