ދިވެހި އަސްކަރިއްޔާގެ ކުރީ ސަފުގައި ހަރަކާތްތެރިވާ އަސްކަރިއްޔާގެ އެންމެ އިސް ބޭފުޅުން
ދިވެހި އަސްކަރިއްޔާގެ ކުރީ ސަފުގައި ހަރަކާތްތެރިވާ އަސްކަރިއްޔާގެ އެންމެ އިސް ބޭފުޅުން
ދުވަހަކުވެސް ނުވަންނަ މިންވަރަށް ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި، ސިފައިންގެ ހަމަޔަކަށް އަޅުވަން އެންމެ މުހިންމު ކަމެއް ދީގެން ކުރަންވީ ކަމަކީ އެތެރޭގެ ޤަވާއިދުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތުގެ ތަހުޤީޤު ކުރިއަށްދާ މިދަނޑިވަޅުގައި ސިފައިންގެ އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފައި ވާތީ އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އެމްއެންޑީއެފްގެ ކަންތައްތައް މިހާރު ފާލުން ނައްޓާފައިވާ ކަމަށެވެ.

އަސްކަރިއްޔާގެ އެތެރޭގެ ގަވާއިދުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުމުގެ އިތުރުން "ރައީސް ޔާމީންގެ ވެރިކަމުގައި ފަރުމާކޮށްފައިވާ އަސްކަރީ ކޯޓުގެ ބިލް އަވަހަށް ފާސްކުރުމަށް" ވެސް ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ގޮވާލައްވާފައެވެ.

އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމަށް އާދަމް ޗަރީފް ތުހުމަތު ކުރަށްވާފައިވާއިރު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސިކިއުރިޓީގެ މައްސަލައިގައި އެމްޑީޕީގެ އިސް މެންބަރުންނާއި އެކްޓިވިސްޓުންގެ ފާޑުކިއުމާއި އެކި ކަހަލަ ތުހުމަތުތައް އަސްކަރިއްޔާއާމެދު ކުރަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑިން އޮފިސަރަކަށް މިހާރު ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ މޭޖާ މޫސާ ރަމީޒެވެ. އެސްޕީޖީ އަކީ ސިފައިންގެ ތެރޭގައި އޮންނަ ހަށިފާރަވެރިންގެ ޔުނިޓެވެ.

މުޢިއްޒަކީ 2013 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި އޮފިސަރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހު ކުރި ހުކުމާއެކު އޭނާއަށް އަލުން ވަނީ ސިފައިންގޭގެ ވަޒީފާ ދީފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އަމުރު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފާތިމަތު

04-Jun-2021

ސިޔާސީ ނުފޫޒު ސިފައިންތެރެ އަށްވެއްދީ ކަލޭމެން ނޫންތަ އަދި އަނގަ ފުޅާކޮއްފަ ވާހަކަ އެބަދައްކަ އެއްނޫން ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ ތިވާހަކަ ނުވެސް ދައްކާނެ ...މަޖިލިސް ކުރާ ގެއަށް ސިފައިން ވައްދާ މެމްބަރުން ބޮޑު ކަންނެލި އުކާހެން ފާރުމަތިން ހޫރާލީ ކޮންބައެއްތަ ކޮބާތަ ސިޔާސީ ނުފޫޒު ކޮބާތަ ދައްދޮޅި ހެ ހެ ހެ



ޓްރެންޑިން