އަލީ ވަހީދު
އަލީ ވަހީދު
މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.

މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލަ ދަޢުލަތުން ވަނީ ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ.

އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވޭނީ އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ކަމަށް ޖިނާއީ އިޖްރާޢަތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމަށްފަހު އެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެނުދެވޭނެ ކަމަށާއި އެފަދަ އަމުރެއް ނެރެދެވޭނެ ހަމައެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް ހައިކޯޓުގެ އެ ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުން ޢަލީވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ދެކޮޅުހަދާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްސަލައިގައި ވެސް އަދި ކްރިމިނަލް ކޯޓުން ބަލާ އެއްވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ ފަރާތް ރާއްޖޭގެ އިޚްތިޞާޞުން ބޭރުގައި ވަނިކޮށް، ޝަރީއަތް އޯޑިއޯ/ވީޑިއޯކޮށް ކުރިއަށް ނުގެންދިޔުމަށް އަންގާފައެވެ. އަލީ ވަހީދުގެ ޝަރީއަތުގެ އިތުރުން އެހެން އެއްވެސް ޝަރީއަތެއް ވެސް އެގޮތަށް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ. މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

އަލީ ދާދިފަހުން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތު ތަކަކުން ބަރީއަވެ އޭނާގެ ކުށެއް ނެތްކަށް ހާމަކުރުމަށް ނޫސްވެރިން މެދުވެރިކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ނޫސްވެރިންނާ ބައްދަލުކޮށް މުޅިން ވެސް ގޯސް ކުރީ ރައީސުލްޖުމްހޫރިއްޔާއާއި ޕީޖީ ޝަމީމާއި ޖުޑިޝަރީއާއި ފުލުހުންނާ ކޯޓުތަކާއި ސިޔާސީ ފަރާތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން