އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް
އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް
ޤައުމަށް ފައިދާވާނީ އަވަހަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ނިންމައިގެން ކަމަށް ޤާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ޙަރަކާތްތެރިވެ ވަޑައިގެންނެވި، އަދި އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް މިހެން ވިދާޅުވެފައިމިވަނީ، އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް މިނިސްޓަރ އަމީރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ނަސީމް ވިދާޅުވީ، އެއަރޕޯޓް މައްސަލާގައި ވީ ގެއްލުމެއް މިހާރު އޮތީ ވެފައިކަމަށާއި, ދެން އިތުރަށް އެވާހަކަ ދައްކައިގެން ލިބޭނެ މޮޅެއް ނެތް ކަމަށެވެ. އަދި ބުއްދިވެރި ގޮތަކީ އަވަހަށް އެއަރޕޯޓް ނިންމައި ކުރިއަށް ވިސްނުން ކަމަށް ނަސީމް ވިދާޅުވިއެވެ.

"މަމޮޅު، ތަދެރަ ކިޔައިގެން ވާނީ ފިތުނަ. ފިތުނައިން ލިބޭ ގެއްލުން މާބޮޑުވެދާނެ. ބުއްދިވެރިގޮތަކީ ކުރިއަށް ދިއުން. އަވަހަށް އެއަރޕޯރޓު ނިންމުން." ނަސީމް ވިދާޅުވެފައިވެއެވެ.

ދާދިފަހުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެކަމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ.

ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ރައީސް ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި އާބިޓްރޭޝަނުން ވަނީ ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 271 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން