މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅެނީ ހަމައެކަނި ހައްޔަރު ކޮށްގެނެއް ނޫންކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރާކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާތީ އެކަމާ ގުޅިގެންނެވެ.



ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގައި ހިންގަމުންދާ ބައެއް ނޫސްތަކުން، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ފައިސާ ނަގާކަމަށް ތުހުމަތު ކުރަށްވައި ވާހަކަ ދައްކަވައިފައެވެ.

ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ބާރުދެއްވާ މޭރުމަކުން ދިޔާނާ ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާނީ ދަމާ ގެންގޮސް ހައްޔަރުކޮށްގެން އެކަނި ނޫންކަމަށެވެ. އަދި މީޑިއާގައި ގެންގުޅޭ މީޙުންނާއި އާއިލާތަކަށް ބިޔަ ވަޒީފާތައް ދީ، ތިމާވެއްޓާއި ބަޖެޓަށް ބެލުމެއް ނެތި އެއަރޕޯޓް އަޅައިދީ ޕްރޮޖެކްޓް ދީގެންވެސް އަނގަ ބަންދުކުރެވޭނެކަމަށެވެ. ދިޔާނާ ވިދާޅުވީ މި އެންމެންވެސް ލަދު ގަންނަންޖެހޭކަމަށެވެ.

ދިޔާނާ އެ އިޝާރާތް ކުރަށްވަނީ ބައެއް ނޫސްވެރިންނަށް މިސަރުކާރުން ސިޔަސީ މަގާމުތައްދީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޯދައިދިނުމަށް ޓިކެޓްދީ އެހީތައްދީ ހަދަމުންގެންދާތީ އެކަންކަމަށް އިޝާރާތް ކުރަށްވައެވެ.

ރޭ އިދިކޮޅު ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް ކަމަށެވެ. މިގޮތުން ހުރިހާ ނޫސްތަކެއްހެން ހުރީ ސަރުކާރުގެ މުށުތެރޭގައި ކަމަށް ވިދާޅުވިއެވެ. އަދި ގިނަ ނޫސްވެރިން ތިބީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިން ފޮނުވާ ލާރިކޮޅު ނަގައިގެން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމެއް ރާއްޖެއަކު ނެތް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ފަދައިން ރާއްޖޭގެ ބައެއް މީޑިއާ ތަކަށް އިންޑިއާ ހައިކޮމިޝަނުން އެހީވެދޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެގެން ތިބުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ ގޮތަށް ރިޕޯޓުކުރަމުން ގެންދަނީ އެފަދަ ނޫސްތަކުން ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން