ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް
ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅައެއްބައި މީހުންގެ އެކައުންޓުގައި ހުރީ އެއްލައްކައަށްވުރެ މަދު ޢަދަދެއްގެ ފައިސާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.

ޕެންޝަން ފަންޑަކީ ކިހާ މުހިންމު ފަންޑެއްކަން ނޭނގި އަމިއްލަ ބައެއް ވިޔަފާރި ތަކުގައި މަސައްކަތް ކުރާ ގިނަ ޒުވާނުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާދޭ ފަރާތުން ހަމަ ހަމަ ގޮތެއްގައި ހިއްސާވެގެން ފަންޑަށް ފައިސާ ޖަމާކުރަން އޮންނަ ޕެންސަން ފަންޑު އުފެދުމާއެކު ބައެއް އަމިއްލަ ވިޔަފާރިތަކުން ވަނީ މުސާރައިގެ ގޮތުގައި ދޭ މިންވަރު ބައިބައިކޮށް ޕެންޝަނުގައި އެފަރާތްތަކުން ހިއްސާކުރަން ޖެހޭ މިންވަރު ކުޑަވާގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލުތައް ވެސް ގެނަސްފައެވެ. މިހެން ވުމުން ޕެންޝަން ފަންޑަކުން ކުރަން ވީ ފައިދާ ގިނަ ޒުވާނުންނަށް ކުރަމުން ނުދާކަން މިއަދު ޕެންޝަން އޮފީހުން ހާމަކުރި މައުލޫމާތު ތަކުން ހާމަވެއެވެ.

ނޭޝަނަލް އިމެޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް ވިދާޅުވީ، ޕެންޝަން ފަންޑުގައި މިހާތަނަށް ބައިވެރިވެފައިވަނީ 154،385 މީހުން ކަމަށެވެ. އަދި ވަކިވަކި ފަރުދުންގެ ޕެންޝަން އެކައުންޓްތަކަށް ފައިސާ ވަދެފައިވާގޮތުގެ ތަފްސީލް ދެއްވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،385 މީގެ ތެރެއިން 19 އިންސައްތަ މީހުންގެ އެކައުންޓްގައި ފައިސާ ހުރީ 10،000 ރުފިޔާއިން ދަށުގައިކަމަށެވެ.

ރަނގަޅު ޢަދަދެއްގެ ފައިސާ ހުރީ ވަރަށް މަދު ބައެއްގެ އެކައުންޓްގައިކަމަށާއި، 50 އިންސައްތަ މީހުންގެ ފަންޑުގައި ފައިސާހުރީ 1 ލައްކަ ރުފިޔާއާއަށްވުރެ ދަށުގައިކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބާދީގެ 50 އިންސައްތަ މީހުންނަކީ 45 އަހަރުން ދަށުގެ މީހުންކަމަށާއި، އެމީހުންނަށް ރަނގަޅު ޢަދަދެއްގެ ރިޓަޔަރމަންޓް ފައިސާ ހޯދުމުގެ ފުރުޞަތު އެބައޮތްކަަމަށް ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑު އުފެދުނީއްސުރެ އެ ފަންޑުން އިންވެސްޓްކުރަމުން އަންނަކަމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އިންވެސްޓްކޮށްގެން ލިބިފައިހުރީ 3.9 ބިލިއަން ރުފިޔާކަަމަށެވެ. އެގޮތުން ހިއްސާގެ ބާޒާރުގައިވެސް އިންވެސްޓްކުރަމުންދާކަމަށާއި، ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނަ ހުރިހާ ފުރުޞަތެއް ބޭނުންކޮށް އިންވެސްޓްކުރަމުންދާކަމަށް ސުޖާތާ ވިދާޅުވިއެވެ.

"މިކަހަލަ ފަންޑަކުން ފުދޭވަރަކަށް ރަނގަޅު އިންޓަރެސްޓެއް މިއީ. އަޅުގަނޑުމެންނަށް އިންވެސްޓްމަންޓް ފައިދާ އެންމެ ކުޑަވެގެން 5 އިންސައްތައިގައި މެއިންޓެއިން ކުރެވިފައި އެބަހުރި. އަދި މިއަށްވުރެ އިތުރަށްވެސް ލިބިފައިއެބަހުރި." ސުޖާތާ ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ކުރިއަށް ރާވާފައިވާ މުހިންމު ކަންކަމުގެ ތަފްސީލް ހިއްސާކުރައްވަމުން ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑްގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ދިރާސާ ވޯލްޑް ބޭންކުގެ ފަންނީ އެހީއާއެކު މިހާރު ކުރެވެމުންދާކަަމަށާއި، މި މަސައްކަތް ނިމުމުން ޕެންޝަން ފަންޑުން އިތުރަށް އިންވެސްޓްކުރެވޭނެކަމަށެވެ. އަދި ޕެންޝަން ފަންޑުގެ ބައިވެރިން ޑިސެބިލިޓީ އިންޝުއުރެންސް ސްކީމެއްގައި އިންޝުއަރ ކުރުމުން ވަޒީފާ އަދާކުރަމުން ދަނިކޮށް ދިމާވާ ނުކުޅެދުންތެރިކަމުގެ ހާލަތުގައި މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް ސުޖާތާ ވިދާޅުވިއެވެ.

"ޕެންޝަން ނިޒާމް އެކުލަވާލެވިފައިމިވަނީ 7 އިންސައްތަ އަކީ ހަމަ އެބޭފުޅެއްގެ އިންކަމް ރިޕްލޭސްކުރެވޭނެވަރު. މީގެ އެހެން ކަންތައް ކުރަން ވިސްނައިފިނަމަ ރަނގަޅު ޕެންޝަން އާމްދަނީއެއް ނުލިބޭނެ. ނަމަވެސް އިތުރު ކޮންޓްރިބިއުޝަނެއް ލައިގެން އެހެންކަންތައްތަކަށް ސޭވްކުރުމަކީ ހަމަ ކުރެވިދާނެކަމެއް. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުން އަންނަކަމެއް. ޕެންޝަނަށް ކޮންޓްރިބިއުޝަނުން ފައިސާ ނެގުމަކީ އެހާ ރަނގަޅުކަމެއް ނޫން." ސުޖާތާ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިންނަށް ޚާއްޞަ ޕެންޝަން ސްކީމެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން