މާލޭގައި ހުރި ބިންތަކުގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިހެން ވިދާޅުވީ މާލެއިން ގޯތި ބޭނުންވާ މީހުންނަށް އިތުރު ދަފްތަރެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން މޫސަ ވަނީ މާލެއިން ގޯތި ބޭނުންވާ މީހުންނަށް އިތުރު ދަފުތަރެއް ހަދަންޖެހޭތޯ ސުވާލު ކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ އެ ނިންމުމަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ އެކަމަކީ މާލެއަށް އުފަން މާލެއަށް ވިހާ ބޮޑުވެ ކާފަ މާމަ މާލޭ މީހުންކަން، މާލޭގެ ރަޖިސްޓްރީން ދެނެގަންނަން ނޭގޭ ބަޔަކު ކައުންސިލަރުންނަށް ތިބުމުން މާލޭގެ ރައްޔިތުންނަށް ޖެހޭ "މުސީބާތެއް" ކަމަށެވެ.

މޫސަ ވަނީ މާލެއިން ދިރިއުޅެން ބޭނުންވާ ކޮންމެ މީހަކު މައިންބަފައިންގެ ފުށުން ލިބޭ ވާރުތަ ކައުންސިލަށް ހިބައިން ދިނުމަށްފަހު ފަޅުމަތިން ތަންކޮޅެއް ހޯދުމުން އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުންތޯ ސުވާލު ކުރައްވާފައެވެ.

މާލޭގައި ކުދި ބިންތައް ހުރި ފަރާތްތަކުން އެ ބިންތައް ދޫކޮށްލުމާއެކު މާލެ ސިޓީން ދޫކުރާ ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލުމާއި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ދެނެގަތުމަށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ވަނީ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި ހުށަހަޅުއްވާފައެވެ. މިކަމަށް ތާޢީދު ކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް އެވެ.

މިކަމާއި ގުޅޭ މަޝްވަރާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވެފައިވަނީ މާލޭގައި ކުދި ބިންކޮޅު ހުރި ފަރާތްތަކުން އެ ބިންތައް ދޫކުރުމަށްފަހު ހުޅުމާލެއިން ނުވަތަ މާލޭގެ އެހެނިހެން ސަރަޙައްދަކުންވެސް ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު ބޭނުންވާ ފަރާތްތައް ދެނެގަތުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ ފަރާތްތައް ދެނެގަތުމަށްފަހު އެ ދަފްތަރު ސަރުކާރަށް ހުށައެޅުމަކީ ސަރުކާރަށްވެސް އަދި ސިޓީ ކައުންސިލަށްވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން މާލޭގައި ކުދި ގޯތިތައް ހުރި ފަރާތްތަކުންވެސް އެފަދަ ގޯތިތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ގޯތި ދޫކުރާނަމަ އެ ފުރުސަތު ބޭނުންވާކަން ހާމަކޮށް މޭޔަރަށް ސިޓީ ހުށަހަޅާފައިވާކަން މޭޔަރު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މޭޔަރު ވިދާޅުވީ ސަރުކާރުން މިފަދަ ފުރުސަތެއް ހުޅުވާލާއިރު ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި ގުޅޭ މިފަދަ ދަފްތަރެއް އެކުލަވާލެވިފައި އޮތުމަކީ އެކަން ތަންފީޒު ކުރަން ސަރުކާރަށްވެސް ފަސޭހަ ވެގެން ދާނެ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން