ރާއްޖޭގެ ދީނީ ބައެއް ޢިލްމުވެރިން
ރާއްޖޭގެ ދީނީ ބައެއް ޢިލްމުވެރިން
ކްރިސްމަސް ފާހަގަކުރުމުގައި ދިވެހީން ބައިވެރި ކުރިޔަ ނުދިނުމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކަމާބެހޭ ވުޒާރާތަކާއި މުއައްސަސާތަކަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ދުވަސްތައް ފާހަގަކުރުން ހުއްޓުވައި ދިނުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތް ކްރިސްމަސް ރަށްރަށުގައި ފާހަގަ ނުކުރެވޭނެފަދަ ފިޔަވަޅުތަކެއް އެޅުމަށް ޢީލްމުވެރިން ވަނީ ގޮވާލާފައެވެ

ޢިލްމުވެރީންގެ ގުޅުމުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިވެހީންނަށް މާތް ﷲ ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިތިބިމުގެ ނިޢުމަތް ކަމަށާއި، އެކަން އެގޮތަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ، މިއަދު ދުނިޔޭގައި ދިރިތިބި ދިވެހީންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ދީނީ އަދި ޤައުމީ ވާޖިބު ކަމަށެވެ.

ނަމަވެސް، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން ފުދުންތެރި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމުގެ ބޭނުމުގައި ތަޢާރަފު ކުރެވުނު ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސަބަބުން ދިވެހީންގެ އިސްލާމްވަންތަކަމާއި އިސްލާމީ ޝިޢާރުތަކާ ޚިލާފު ކަންކަން ދިވެހި މުޖުތަމަޢު ތެރެއަށް ފޭދެމުން އަންނަކަމީ ކަންބޮޑުވާންޖެހޭ މަސައްލައެއް ކަމަށް ސިޓީގައިވެއެވެ.

އަދި ޣައިރު ދީންތަކުގެ ޝިޢާރުތައް ފާޅުކުރާ މައްސަލަ އާއި، ނަޞާރާއިންގެ ކްރިސްމަސް ފާހަގަކުރުމާއި، ހިންދޫންގެ ޔޯގާގެ ކަންކަން ދިވެހި މުޖުތަމަޢުގައި ކުރިއަށް ގެންދިއުމާއި، މާތްﷲ އަށް ޝިރުކުކުރުމުގެ ގޮތުން ކުރެވޭ ބާޠިލު އެހެނިހެން ކަންކަން ކޮންމެ އަހަރަކު ދިވެހި ފަސްގަނޑުގައި ހިންގަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސިޓީގައި ވަނީ ބުނެފައެވެ. އަދި މިކަމުގައި އެންމެ ނުރައްކާތެރި އެއް ކަމަކީ، މިފަދަ ކަންކަން ކުރާއިރު ދިވެހި މުވައްޒަފުން ވެސް އެކަންކަމުގައި ބައިވެރިކުރުވައިގެންނާއި ޢާންމުން ދިރިއުޅޭ ރަށްތަކުގައި އެކަންކަން ކުރިއަށްގެންދިއުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ޣައިރު މުސްލިމުންގެ އެފަދަ ޙަފްލާތައް ކުރިއަށްދާ ތަންތަނަށް ޒިޔާރަތް ކުރުމާއި އެފަދަ ކަންކަމުގައި އެއްވެސް ގޮތަކުން ބައިވެރިވުމާއި ހިތްވަރުދީ ހެދުމަކީ ކުފުރުގެ ޢަމަލެއް ކަމަށާއި، އެއީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

"އިބްނުލް ޤައްޔިމް (رحمه الله) ވިދާޅުވެފައިވެއެވެ. މުޝްރިކުންގެ ޢީދުތަކުގައި ބައިވެރިވުން މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިންގެ ތެރެއިން އެކަމުގެ އަހުލުވެރި ބޭފުޅުންގެ އިއްތިފާޤުވެފައިވެއެވެ. މިކަން ހަތަރު މަޛްހަބުގެ ފިޤުހު ޢިލްމުވެރިން އެބޭފުޅުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. އަދި (އަލްއިމާމު) އަލްބައިހަޤީ ޞައްޙަ ސަނަދަކުން، މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: 'މުޝްރިކުންގެ ޢީދު ދުވަހު އެމީހުންގެ ފައްޅިތަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އެހެނީ (އެވަގުތަކީ) އެމީހުންގެ މައްޗަށް (މާތް ﷲގެ) ކޯފާ ފައިބާ ވަގުތެކެވެ'. އަދިވެސް ޢުމަރުގެފާނު ވިދާޅުވިއެވެ: 'ﷲގެ ދުޝްމަނުންގެ ޢީދުތަކުގައި އެމީހުންނާ ދުރުހެލިވެ ތިބޭށެވެ." ސިޓީގައި ވެއެވެ.

މީގެ އިތުރުން މިދަފަ ކަންކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަންކަން ކަމުގައިވުމުގެ އިތުރުން، އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނާއި، އިސްލާމް ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ ގަރާރާއި، އެ މަޖްލީހުގެ ފަތުވާއާ ވެސް ޚިލާފު ކަންކަން ކަމުގައި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

ވީމާ، މާތްﷲ އަށް ދަރިކަލަކު ނިސްބަތް ކުރުމުގެ ދޮގުގެ މައްޗަށް ބިނާކޮށް ނަޞާރާއިން ފާހަގަކުރާ ކްރިސްމަސް މި ޑިސެންބަރު މަހުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށާއި، އެކަންކަމުގެ ތެރޭގައި ދިވެހިން ވެސް ބައިވެރި ކުރުވަން މަސައްކަތް ކުރެވޭކަން، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން، ސަރުކާރުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

އަދި އެކަންކަމުގައި ދިވެހީން ބައިވެރިކުރިޔަ ނުދިނުމަށްޓަކައި، ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން އަދާކުރަށްވަން ޖެހިވަޑައިގަންނަވާ ވާޖިބުތައް ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ދީނީ ޢިލްމުވެރިންގެ ފަރާތުން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު