އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުން ނުރުހުން ފާޅުކުރައްވައި ހޯލު ދޫކުރައްވައި ނުކުމެވަޑައިގެންފިއެވެ.

ނިއުޔޯކުގައި ހުންނަ އދ. ގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މަންދޫބުން ނުކުމެވަޑައިގަތީ އިސްރާއީލުން ފަލަސްތީނަށާއި ސަރަހައްދީ ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.



ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް ވަޑައިގަތުމާއެކު، ހޯލުގެ ތެރެއިން ބައެއް މަންދޫބުން ވަނީ އަޑުގަދަކޮށް ނުރުހުން ފާޅުކުރައްވާފައެވެ.

އެ ވަގުތު އިސްރާއީލުގެ ޑެލިގޭޝަނުން އަތްޖަހައި ސާބަސް ދެމުންދިޔައިރު، މަޖިލީހުގެ ރިޔާސަތުން ވަނީ މަސްލަހަތު ހިފެހެއްޓެވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، މި އިހުތިޖާޖުގައި ބައިވެރިވުމަށް ފަލަސްތީނުގެ ޑެލިގޭޝަނުން ވަނީ އދ. ގެ އެހެން ގައުމުތަކުގެ މަންދޫބުންނަށް ކުރިން އިލްތިމާސްކޮށްފައެވެ.

މަންދޫބުން ހޯލުން ނުކުމެވަޑައިގަންނަވަމުން ދިޔަ ވަގުތު، ނަތަންޔާހޫ ވަނީ އެ ބޭފުޅުންނަށް އަމާޒުކޮށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ހޯލުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި "އަޚްލާޤީ ގޮތުން ފިނޑި" އެހެން ބޭފުޅަކު އިންނެވިނަމަ، އެ ބޭފުޅަކުވެސް މަޖިލިސް ދޫކުރައްވައި ވަޑައިގަތުމަށް އެދޭކަމަށެވެ.

މީގެ އިތުރުން، އޭނާގެ ތަގުރީރުގައި އިސްރާއީލުގެ އަސްކަރީ އަމަލުތައް ދިފާއުކޮށް، އެކި ގައުމުތަކުގެ ވެރިންނާއި ސިޔާސީ ފަރާތްތަކަށް ފާޑުވިދާޅުވެފައިވެއެވެ.

އދ. ގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ތަގުރީރު ކުރައްވާ ގިނަ ގައުމުތަކެއްގެ މަންދޫބުން އިހުތިޖާޖުގެ ގޮތުން ހޯލު ދޫކުރައްވައި ވަޑައިގަތުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

މިއީ އިސްރާއީލުން ހިންގަމުންދާ އުދުވާންތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކާ މެދު ދުނިޔޭގެ ގައުމުތަކުގެ ނުރުހުން އިންތިހާއަށް ބޮޑުވެފައިވާކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް