ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، އަދި ކަނޑުތައް 100 އިންސައްތަ ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް، ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އ.ދ. ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ދެއްވި ބަޔާނުގައެވެ. 

ޕޯޗުގަލް ސަރުކާރާއި ކެންޔާ ސަރުކާރު ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިޔަށްދަނީ، ޖޫންމަހުގެ 27އިން ޖުލައި މަހުގެ 1 ވަނަ ދުވަހަށް، ޕޯޗުގަލްގެ ލިޒްބަންގައެވެ. އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ދެއްވި ބަޔާނުގައި ވިދާޅުވީ، "ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމް ވަރކް 2020" އެކުލަވާލުމަށް ފަހުގައި، ކަނޑުތައް ޙިމާޔަތްކުރުމަށްޓަކައި ފައިދާ ކުރަނިވި ހަރުދަނާ އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ޝައުނާ ދެއްވި ބަޔާނުގައި، ދިވެހިންގެ ދިރިއުޅުން ކަނޑުތަކުގެ މައްޗަށް ބަރޯސާވެފައިވާވަރު ފާހަގަކުރައްވައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި، އަދި ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް ކަމަށެވެ. އަދި ކަނޑުތަކަކީ ރާއްޖޭގެ ރައުސްމާލު ކަމަށާއި، ދުނިޔޭގެ ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތައް ޝައުޤުވެރިކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިބަޔާނުގައި މިނިސްޓަރ ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވިހަ މާއްދާތަކުން ތަޣައްޔަރުވަމުން ދިޔުމާއި، މަސްއައިންތައް ދަތުރުކުރާ ގޮތަށް ބަދަލުއައުމާއި، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ކުރިމަތިވާނޭ ނުރައްކަލާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ފަރުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށްވެސް އެކަމަނާ އަލި އަޅުއްވާލެއްވިއެވެ. އަދި ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ކުނި ބުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ނިޒާމަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވައި، ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވިއެވެ.

މިނިސްޓަރ ޝައުނާ ފާހަގަކުރެއްވި ގޮތުގައި، ކަނޑުތަކުގެ ދިރުންތައް ނެތިވެ މަރުވަމުންދާއިރު އެކަންކަމަށް އަޅައިނުލައި ދޫކޮށްލައިގެން ތިބުން ދިވެހިން ނޭދޭ ކަމަށާއި، ކަނޑުތަކުގެ ނިޒާމާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މިގޮތުން ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަން ކުރެވެމުން އައި ގޮތަށް ބަލާއިރު، ދޮށީގެ މަސްވެރިކަން އަމާޒުވަނީ އެބަޔަކު ބޭނުންވާ މަސްތަކެއް ބޭނުމަށްކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، ރިޕޯޓް ނުކުރެވޭ އަދި ނުބެލެހެއްޓޭ ގޮތެއްގައި ކުރެވޭ މަސްވެރި ކަމަކީ، ރާއްޖެ ފަދަ ކުދި ޤައުމުތަކާއި އައްސޭރި ފަށުގެ މުޖުތަމައުތަކުގެ މަސްވެރިކަމުގެ ސިނާޢަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ. އަދި ރިޕޯޓްނުކުރެވޭ އަދި ބެލެހެއްޓުމެއް ނެތި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު އެކަތިގަނޑަކަށް ވުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ މައިގަނޑު ބައެއް މާކެޓްތަކުން ނަގާ ޓެރިފް ބޮޑު ކަމަށާއި، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އިޤުތިޞާދެއް އޮތް ފުދުންތެރިޤައުމަކަށް ވުމަށްޓަކައި ދުނިޔޭގެ އެހެންޤައުމުތަކުގެ އެއްބާރުލުންވެސް ރާއްޖެއަށް ބޭނުންވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ 13 ބާވަތެއްގެ ޕްލާސްޓިކް ތަކެތި، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މުޅިން ހުއްޓާލުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ހިމެނޭ 14 އިންސައްތައަކީ މުރަކައިގެ ފަރުތައް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެއް ޤައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ކަނޑުތައް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ މުރަކައިގެ ފަރުތައް ސަލާމަތް ކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިވިޔަނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން