އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު
އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު
ސަލަފު ޖަމްޢިއްޔާއާއި ޢަދާލަތު ޕާޓީއަކީ ރާއްޖޭގަ އިސްލާމީ ސިއްކަ ޖަހަން ކަނޑައެޅިފައި އޮންނަ ސިއްކަމަނިކުފާނު ނޫންކަމަށް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނުގައި ކަނޑައަޅާފައިވާ ބައެއް ޙުކުމްތަކާމެދު ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެން ޝައިޚް ޙުސައިން ވިދާޅުވީ ނެތް އެއްޗެއް ނެތޭ ބުނުމަކީ އެއެއްޗެއް އޮތްކަމަށް ސާބިތުވާ ހެއްކެއް ނޫން ކަމަށެވެ.

ޝައިޚް ޙުސައިން ވިދާޅުވީ ކަމެއްގެ ހުކުމާމެދު އިލްމުވެރިންގެ ރައުޔު ތަފާތު ވެއްޖެނަމަ އެއޮތީ އެކަމުގައި އިޖުމާޢު ގެއްލިފައިކަން ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށެވެ. އަދި މިވެނި ކަމެއްގަ އިޖްމާޢެއް ނެތޭ ބުނުމަކީ ދީނީ ފަތުވާ ދިނުމެއްވެސް ނޫން ކަމަށް ޝައިޚް ޙުސައިން ވިދާޅުވިއެވެ.

"މިވަރު ނޭގޭ މީހުން ދީނޭ ކިޔައިގެން ވާހަކަ ދެއްކުން މާގޯހެވެ." ޝައިޚް ޙުސައިން ވިދާޅުވިއެވެ.



ޝައިޚް ޙުސައިން ވިދާޅުވީ ސަލަފު ޖަމްޢިއްޔާއާއި ޢަދާލަތު ޕާޓީއަކީ ރާއްޖޭގަ އިސްލާމީ ސިއްކަ ޖަހަން ކަނޑައެޅިފައި އޮންނަ ސިއްކަމަނިކުފާނު ނޫން ކަމަށެވެ.

"ތިޔައީ މުޅި ދުނިޔެއާ އިދިކޮޅަށް ސުންނަތެއް ފަރުޟަކަށް ހަދައި ކޮރޯނާ ސަފު ހެދުން ހުއްދަ ނުވާނެކަމަށް ފަތުވާދިން ގޮތް ދޫނުކޮށް އޮތް ޖަމާޢަތެއްގެ މީހުންނެވެ. ތިމާމެންގެ ކިބައިގައި ފިޤުހުވެރިކަން ނެތްކަން އަމިއްލައަށް އިހުސާސް ނުވުމަކީ އެންމެބޮޑު ނޭގުމެވެ. އަދި މިއީ ވަރަށްބޮޑު ނުރައްކަލަކެވެ." ޝައިޚް ޙުސައިން ވިދާޅުވެފައިވެއެވެ.

ޝައިޚް ޙުސައިން ވިދާޅުވީ ޔޯގާގައި ހުންނަ ކަސްރަތުގެ ބައިތައް ކަސްރަތުގެ ގޮތުގައި ބޭނުންކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ވިދާޅުވާ އިލްމުވެރިން އެކަން ހުއްދަ ނުކުރައްވާ ޢިލްމުވެރިންނަކަށް ވުރެން ދުނިޔޭގައި އަދި ރާއްޖޭގައި ވެސް މަދުނޫން ކަމަށެވެ. އެއީ ޝިރުކު ހުއްދަ ކުރުން ނޫން ކަމަށާއި އެއީ އެމައްސަލާގައި އޮތް ދެރައުޔުކަމަށް ޝައިޚް ޙުސައިން ވިދާޅުވިއެވެ.

"ރައީސް މައުމޫނަކީ ރާއްޖޭގެ ނެތް ފެންވަރުގެ ޢިލްމުވެރިއެކެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުން އޭނާ ސިޔާސީގޮތުންނާއި ދީނީ ގޮތުން ކުރައްވާފަ ހުރި ކުށްތައް އެބަހުއްޓެވެ. އޭގެ މާނައަކީ އޭނާގެ އެންމެހާ ފަތުވާ ގޯސްވާންޖެހޭ ސަބަބެއް ނޫނެވެ. މިވިސްނުން ގެންގުޅުމަކީ ތިމާގެ އިލްމީ ނުކުޅެދުންތެރިކަމުގެ ހެއްކެކެވެ." ރައީސް މައުމޫނަށް ތަޢުރީފް ކުރަށްވަމުން ޝައިޚް ޙުސައިން ވިދާޅުވެފައިވެއެވެ.

ޝައިޚް ޙުސައިން ވިދާޅުވީ މިފަދަ މިސާލުތައް އިސްލާމް ދީނުގައި ވަރަށް ގިނަ ކަމަށެވެ. އަދި ހަމަ އެހެންމެ އެފަދަ ބޮޑެތި ޢިލްމުވެރިންވެސް އިސްލާމީ ތާރީޚު ރަން އަކުރުން ފަވާލާފައިވާކަމަށާއި އޭގެތެރޭގައި މަޝްހޫރު މުފައްސިރެއް ކަމުގައިވާ އިމާމު ޒަމަޚްޝަރީ ހިމެނޭކަމަށެވެ.

"ޢިލްމުވެރިންނަކީ ކަންކަން ހޯދައި ބަލައިގެން މައްސަލަ ނެރޭ ބަޔަކަށް ވާތީ އޭނާގެ ފަތުވާ ޞައްޙަވުމާއި ޞައްޙަ ނުވުމާއި ދެ ގޮތްވެސް ދީނުގައި ވަނީ ހުޅުވާ ދީފައެވެ. އެހެންކަމުން ވަކި ބަޔަކަށް ވީމާ އެބައިމީހުން ނެރޭ ފަތުވާ ރަނގަޅުވެފައި އަނެއްބަޔަކު ނެރޭ ފަތުވާ ގޯސްކަމަށް ދެކޭ ނާތަހުޒީބު ޚިޔާލު ދޫކޮށްލަމާ ހިނގާށެވެ." ޝައިޚް ޙުސައިން ވިދާޅުވެފައިވެއެވެ.

އިސްލާމް ދީނުގައި އޮންނަ ޢިލްމީ ތަހްޒީބަކީ ހުރިހާ ރައުޔުތަކަށް އިޙުތިރާމު ކުރުމާއެކު އެއިން ތިމާއަށް ދޭހަވި އެންމެ ރަނގަޅު ގޮތަށް ތިމާ ތަބާވުން ކަމަށް ޝައިޚް ޙުސައިން ވިދާޅުވިއެވެ. އަދި ދީނީ ޤައުމީ ކަންކަމުގައި ތިމާއަށް ރަނގަޅުކަމަށް ނުފެނުނަސް އެންމެ ރަނގަޅީ ވެރިޔާގެ ރަޢުޔަށްތަބާވުން ކަމަށްވެސް ޝައިޚް ޙުސައިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން