މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 4.1 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 2.8 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 45.8 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 39 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 35 އިންސައްތަ އިތުރު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ޖޫންމަހު މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަށް ބަދަލު ގެނެސް، މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިއަހަރުގެ މަރޗުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 7241.15ރ އެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން