ފިނޮޅާއި ފަރާއި ކަނޑޫފާ އަދި ޗަސްބިން ހިމާޔަތްކޮށް އެތަންތަނުން ނަފާ ހޯދޭނެ މަގު ހޯދައިދިނީ އެމްޑީޕީން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ މިއަދު ހެނދުނުގެ ސެޝަންގައި ގައުމީ މަޖިލީހުގެ ރިޕޯރޓް ކޮންގްރެސްއަށް ހުށައަޅުއްވަމުން މިނިސްޓަރ ޝައުނާ ވަނީ މި ސަރުކާރުގެ ވިލުންވެރި ރާއްޖެ ސިޔާސަތުގެ ބައެއް ތަފްސީލުތައް ކޮންގްރެސްމަނުނާ ޙިއްސާކުރަށްވާފައެވެ. މިނިސްޓަރ ވަނީ ތިމާވެއްޓާއި ކުނިމެނޭޖްކުރުމާއި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ޑިޖިޓަލް ދާއިރާއިން މިސަރުކާރުގައި ރާއްޖޭން ހޯދި ކުރިއެރުންތަކުގެ މަޢުލޫމާތު ޙިއްސާ ކުރަށްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 32 ސަރަހައްދެއް ޙިމާޔަތް ކޮށްފައިވަނީ މި ސަރުކާރުގައި ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖް ކުރާނެ ސަރަހައްދީ ފެސިލިޓީ ދަނީ ގާއިމުކުރެވެމުން ކަމަށާއި 6 ރަށެއްގައި ކުނި މެނޭޖް ކުރުމަށް ސެންޓަރު ގާއިމުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މި ސަރުކާރުގެ ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން 134 ރަށުގައި ބެޓަރީ ސިސްޓަމް އިންސްޓޯލް ކުރެވޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް ނިމުމުން 120 މެގަވޯޓް ކަރަންޓް އުފައްދާނީ އިރުގެ އަލީގެ ހަކަތައިން ކަމަށް ޝައުނާ ވިދާޅުވިއެވެ.

"2018 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ގާއިމް ކުރެވިފައި ވަނީ 16 މެގަވޯޓްގެ ސޯލަރ ޕަވަރ. 2022 ވަނަ އަހަރާއި ހަމައަށް މިއަދަދު ވަނީ 36 މެގަރ ވޯޓަށް އިތުރު ކުރެވިފައި." ޝައުނާ މިއަދު ވިދާޅުވިއެވެ.

ސަރުކާރުގެ ނެޓްޒީރޯ ސިޔާސަތުގެ ދަށުން އިރުގެ އަވިން ހަކަތަ އުފެއްދޭ މިންވަރު 2 ގުނަ އިތުރު ވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 40 މަޝްރޫއެއް ނިމިފައިވާއިރު 13 މަޝްރޫއެއް ދަނީ ކުރިއަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު މި ސަރުކާރުން އިންޓަނެޓްގެ އަގުވެސް މިހާރުވާނީ ހެޔޮކޮށްފައިކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން