އައްޑޫ ސިޓީގެ ޚަޠީބަކު ސަސްޕެންޑްކޮށް މައްސަލަ ބަލަމުންދަނީ ޚުތުބާ ކޮމެޓީގެ ލަފައެއް ހޯދުމަކާއި ނުލައި ޚުތުބާއަށް އުނިއިތުރު ގެނެސްގެން ޚުތުބާ ކިޔުމުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިމައްސަލައާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަބަރު ފަތުރާފައި ވަނީ އޮޅޭގޮތަށްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޚަޠީބު ސަސްޕެންޑް ކުރީ އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުންކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީން ބަލަމުންދަނީ ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުތުބާ ކީ މައްސަލައެއްކަމަށެވެ. އަދި އެމައްސަލަ ބަލާ ނިމެންދެން އެ ޚަޠީބު ސަސްޕެންޑް ކޮށްފައިވާކަމަށާއި މިމައްސަލަ ބަލަމުންދަނީ އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޚުތުބާ ކޮމިޓީގެ އެއްވެސް މަޝްވަރާއެއް ނެތި ޚުތުބާއަށް އުނިއިތުރު ގެނައުމަކީ މަނާކަމެކެވެ. ފާސްކޮށްފައިވާ ހުކުރު ޚުޠުބާއަށް ޚަޠީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެކަމަށްވެސް ކޮމިޓީން ވަނީ ބުނެފައެވެ.

މިމައްސަލަ ބަލަމުންދާ އައްޑޫ ސިޓީގައި އޮންނަ ޚުޠުބާ ކޮމިޓީގެ ރިޕޯޓް މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު