ކެސިނޯ އަޅަން ތާއީދު ނުކުރަށްވާކަމަށް ވިދާޅުވެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ކެސިނޯ ލައިސަންސާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ، އެކަމަކީ މަޝްވަރާ ކުރެވި ގޮތްތަކެއް ހޯދެންޖެހޭކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެވާހަކަފުޅު ތަރުޖަމާކޮށްދެއްވަމުން މަޙްލޫފް މިއަދު ވިދާޅުވީ ކެސިނޯ އަޅަން ތާއީދު ނުކުރަށްވާ ކަމަށާއި އެކަމަށް ވަކާލާތުވެސް ނުކުރަށްވާ ކަމަށެވެ. މަޙްލޫފް ވިދާޅުވީ ކެސިނޯ އެޅުމަށް ޝައުގުވެރިކަމެއްވެސް ނެތްކަމަށާއި އަދި އެއީ އޭނާގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް ކަމެއް ކަމަށެވެ.

“އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދެން.” މަޙްލޫފު ވިދާޅުވެފައިވެއެވެ.



މަޖިލީހުގެ ޖަލްސާގައި އިއްޔެ މަޙްލޫފް ވިދާޅުވީ ރިސޯޓުތަކުގައި ކެސިނޯ ހިންގުމުގެ ހުއްދަދޭ ވުޒާރާއަކީ ޔޫތު މިނިސްޓްރީ ނޫން ކަމަށެވެ. އެހެންކަމުން އެކަމުގައި ރިސޯޓުތައް ބެލެހެއްޓުމުގެ ޒިންމާއޮތް ވުޒާރާއަކުން ވާހަކަދައްކާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރާވެސް ވިއްކާ ކަމަށާއި އެހެންނަމަވެސް ކެސިނޯގެ ވާހަކަ ފެށުމާއެކު އެއީ ޙަރާމްކަމެއްކަމަށް އެންމެންވެސް ބުނާކަމަށެވެ.

"ނަން ބުނެލިޔަސް ގޯސްވޭ. އެ ބިރުވެރިކަމުގައި އުޅެންޖެހެނީ،" މަޙްލޫފް މިއަދު ވިދާޅުވިއެވެ.

ރިސޯޓުތަކުގައި އުސޫލެއްގެ ދަށުން ރާވިއްކޭއިރު، ކެސިނޯގެ މަސައްކަތް ފަށާ ވާހަކަ ދައްކާއިރަށް ހަރާމްކަމަށް ބުނެ އެކަން ހުއްޓުވާ ސަބަބެއް އެނގިވަޑައިނުގަންނަވާކަމަށްވެސް މަޙްލޫފް އިއްޔެ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން