އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވާ ބަޔަކަށްވުމަށް މުފްތީ މެންކް އެދިވަޑައިގެންފިއެވެ.

މުފްތީ މެންކް މިފަދައިން އެދިވަޑައިގަތީ ހޮނިހިރުދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި ދަރުސްގައި، އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާ ތަޤްރީރުކުރައްވަމުންނެވެ.

މުފްތީ މެންކް ވިދާޅުވީ މި ޒަމާނުގައި އަމިއްލަ އާއިލާއާއިއެކު އުޅުމަށްވެސް ގިނަ ބަޔަކު ނުރުހޭކަމަށާއި އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިޙްސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީކަމަށެވެ. އެހެންކަމުން ތިމާއަކީ އެފަދަ މުޖުތަމަޢު ބަދަލުކޮށްލަދޭނެ، އަދި އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، އަޅާލުމާއި ލޯބި ލިބިގެންދާނެ މުޖުތަމައަކަށްވެގެންދާނެކަމަށް މެންކް ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް މެންކް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އިސްލާމްދީނުގައި މިކަންކަން ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި އަންގާވާފައިވާކަން ބަޔާންކުރައްވަމުން، ދީނުގެމަތީގައި ސާބިތުވެ ތިބުމަށް މުފްތީ މެންކް ވަނީ އިރުޝާދުދެއްވާފައެވެ.

އޭގެ އިތުރުން މުސްލިމުންނަކީ މާތްﷲ ފިޔަވައި އިތުރު ފަރާތަކަށް އަޅުކަން ކުރުން ހައްޤުވެގެން ނުވާކަމަށް ހިތާއި ދުލުން ޤަބޫލުކުރާބަޔަކަށްވާއިރު އިސްލާމްދީނުގެ ރުކުންތަކުން އެންމެ ފުރަތަމަ ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައިން އެނގިގެންދަނީ އެކަން ކަމަށް ވިދާޅުވެ ޝަހާދަތުގެ ދެކަލިމައިގެ މާނަ ތަފްސީލާއިއެކު މެންކް ކިޔައިދެއްވިއެވެ. އެހެންކަމުން އިސްލާމްކަމަކީ ޝަހާދަތުގެ ދެކަލިމައިގައިވާގޮތަށް އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، ރައްކާތެރިކުރުންކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އިސްލާމްދީނަކީ ވަކި ރުކުންތަކެއްގެ މައްޗަށް ބިނާވާ ދީނެއްކަން ފާހަގަކުރައްވާ އެ ރުކުންތަކަށް ތަފްސީލުކޮށް މި ދަރުސްގައިވަނީ ބައްލަވާލައްވާފައެވެ.

އެގޮތުން ނަމާދުކުރުމުގައި ހުޝޫޢަތްތެރިވުމާއި މާތްﷲއަށް ކިޔަމަންތެރިކަމާއިއެކު ނަމާދުކުރުމަކީ އެމީހަކަށް ބާއްޖަވެރިކަން ލިބިގެންދާނެކަމެއްކަމަށާއި އެހެންނަމަވެސް އެމީހަކު އެއީ ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ހަމައެކަނި ކަމަކަށް ކުރާކަމެއްނަމަ އެކަމުގައި އެއްވެސް ބަރަކާތެއް ނުވާނެކަމަށް ވިދާޅުވިއެވެ. ހަމައެފަދައިން ޒަކާތަކީ އޯގާތެރިކަމާއި ގުޅިފައިވާ އީމާންތެރިކަމުގެ ތަނބުކަން ފާހަގަކުރެއްވިއެވެ.

މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާކަމަށެވެ.

އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު