އުފެއްދުންތެރި މުސްލިކަމަށްވާން ބޭނުންނަމަ ދުވަސް ފަށަންވީ ފަތިސްނަމާދުން ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މި މޭރުމުން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ދަރުސްގައި ތަޤްރީރުކުރަށްވަމުންނެވެ. ރޭގެ ތަޤްރީރު ބިނާކުރަށްވާފައިވަނީ އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށެވެ.

އެގޮތުން ކޮންމެ ކަމަކަށްވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައިވާނަމަ އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިގޮތަށް ޢަމަލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަމުން މާތްﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭކަމަށް ވިދާޅުވިއެވެ.

ނަމާދަށް ފަރުވާކުޑަ ނުކުރުމަށް ނަސޭހަތްތެރިވަމުން މުފްތީ ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭކަމަށެވެ. ނަމާދަކީ ދުނިޔެއާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކުވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާކަމެއްކަމަށާއި އެކަމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާކަމަށް ވިދާޅުވިއެވެ.

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި އެ މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮގޮތުގައި ކުރުމަށް މަސައްކަތްކުރާ އަދި ދުނިޔެއާއި އާޚިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްކުރާމީހާކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ. އެގޮތުން މުސްލިމަކު ކުރާ ކުޑަކުޑަ ހެޔޮ ކަމަކުންވެސް އެތައް ސަވާބަކާއި ދަރުމައެއް ލިބޭކަން ފާހަގަކުރައްވަމުން ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އެކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމަކަށްވާއިރު އެންމެ ފުރަތަމަކަމަށް ދަރިންނަށް ދީން އުނގަންނައި ދޭންޖެހޭކަމަށް ވިދާޅުވިއެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރު ޓެކްނޯލޮޖީއާއި ގާތް ޒަމާނެއްގައި ދަރިންނަށް ދޭންޖެހޭ ވަގުތު ދީ، ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރާއިރު ފޯނާއި އެފަދަ ޓެކްނޯލޮޖީއާއި ދުރުވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އިސްލާމްދީނުގައި އަޅުކަމަށް ވަގުތު ލިބޭފަދައިން އެހެންކަންކަމަށްވެސް ވަގުތު އޮންނަކަމަށާއި އެފަދައިން ޢަމަލުކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމަ އެފަދައިން ކުޑަކުދިންވެސް އެފަދަ ތަކެއްޗާއި ގާތްވުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، އެގޮތް ގަބޫލުނުކޮށްފިނަމަ އެކުދިންނަށް ހެޔޮ ނަސޭހަތްދީ ވިސްނުވައިދިނުމަށް ވިދާޅުވިއެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު އުފެއްދުންތެރި މުސްލިމަކަށް ވާންޖެހޭކަމަށާއި އެކުދިންނަށް ހެޔޮގޮތުގައި ކަންކަމުގައި ވިސްނުވައިދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އިސްލާމްދީނުގައި މަޢާފަށް އެދުމާއި މަޢާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން މުފްތީ މެންކް ފާހަގަކުރެއްވިއެވެ.

މިފަދައިން ޢަމަލުކޮށްފިނަމަ ވިސްނަންޖެހޭ ވިސްނުމާ ދުރުވާނެކަމަށާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމާއިގެން އުފެއްދުންތެރިކަމާއިއެކު ކުރިއަށް ދެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެންމެ ބާރުގަދަ މީހަކީ އެމީހާގެ ރުޅި ކޮންޓްރޯލްކުރާ މީހާއަށްވާއިރު މާފުކުރުމަކީވެސް ހަމަ މިފަދަ ކަމެއްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

އެހެންމީހުންގެ ދިރިއުޅުމުގައި ތިމާގެ ހިއްސާ އޮންނަންވާނީ ހެޔޮ ގޮތުގައިކަމަށާއި މީހެއްގެ ފުށުން ނުރަނގަޅުކަމެއް ފެނިއްޖެނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި އެދިވަޑައިގެންފައެވެ. އެއީ އުފެއްދުންތެރި މުސްލިމަކަށް ވެވޭ ގޮތެއްކަން ފާހަގަކުރައްވާ މި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެކަކު އަނެކެއްގެ ސިއްރު ހާމަކުރާކަން ފާހަގަކުރެއްވިއެވެ. އެކަމަށް ބައްލަވާލައްވަމުން މީހުންގެ ސިއްރު ހިފަހައްޓައިފިނަމަ މާތްﷲ އެމީހާގެ ސިއްރުތައްވެސް ހިފަހައްޓާނެކަން އަންގަވާފައިވާކަމަށް ވިދާޅުވިއެވެ. އެ ނޫން ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން އެމީހަކު ދުރުކުރުމަށް ހެޔޮގޮތުގައި މަސައްކަތްކުރުން މުހިންމުކަމަށާއި އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދިނުމަށްވެސް މުފްތީ މެންކް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން